މިއަހަރުގެ ހައްޖުގެ މުގައްދަސް އަޅުކަމަށް ފުރާ މީހުންނާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) ބާރުބޮޑުވާނެތީ، އެ ދުވަސްވަރު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.
އެމްއޭސީއެލްއިން ނެރުނު ދަތުރުވެރިންނަށް ސަމާލުވުމުގެ އިރުޝާދެއްގައި ބުނެފައިވަނީ، 2026 ވަނަ އަހަރުގެ މެއި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހަކީ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތައް ކަމަށެވެ. މި ދުވަސްތަކުގައި ގިނަ އަދަދެއްގެ ހައްޖުވެރިންނާއި، އެމީހުން ފުރުވަން އަންނަ އާއިލާގެ މެންބަރުންނާއި ހެޔޮއެދޭ ފަރާތްތައް އެއާޕޯޓަށް ޖަމާވާނެތީ، އެ ސަރަހައްދުގެ ޓްރެފިކް ބާރުބޮޑުވެ، ޕާކިން ހޯދުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެހެންކަމުން، މި ދުވަސްތަކުގައި އެއާޕޯޓަށް ދަތުރުކުރާ މީހުންނާއި ފުރާ މީހުންނަށް ފަސޭހަ ދަތުރުފަތުރެއް ކަށަވަރުކުރުމަށްޓަކައި، އަމިއްލަ އުޅަނދުތަކުގެ ބަދަލުގައި އާންމު ބަހުގެ ހިދުމަތް ނުވަތަ ފެރީގެ ހިދުމަތް ބޭނުންކުރުމަށް އެމްއޭސީއެލްއިން ވަނީ ވަރަށް ބޮޑަށް ބާރުއަޅާފައެވެ.
ހައްޖުވެރިން ފުރާ ވަގުތުތަކަކީ އަބަދުވެސް އެއާޕޯޓަށް އާދަޔާ ހިލާފަށް މީހުން އެއްވާ ވަގުތުތަކަކަށް ވާތީ، ފުރުމަށް ހަމަޖެހިފައިވާ އެހެނިހެން ދަތުރުވެރިން ވެސް ގަޑިއަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އިރުޝާދު ދީފައެވެ.
މިއަހަރުގެ ހައްޖުވެރިން ފުރުމުގެ އިންތިޒާމުތައް އެމްއޭސީއެލް އާއި ކަމާގުޅޭ އިދާރާތަކުން ގުޅިގެން މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހު މޯލްޑިވިއަން އާއި ސައުދިއާގެ ފްލައިޓްތަކުގައި ހައްޖާޖީން ފުރުމަށް ހަމަޖެހިފައިވާއިރު، "މައްކާ ރޫޓް" އިނިޝިއޭޓިވްގެ ދަށުން ހާއްސަ ލުއިތަކެއް ފޯރުކޮށްދެވޭނެއެވެ.
ފުރަތަމަ ފްލައިޓް ފުރާ ހުކުރު ދުވަހު ހައްޖުވެރިން މަޑުކުރާނީ ކުރީގެ ޑޮމެސްޓިކް ޓާމިނަލް ސަރަހައްދުގައި ކަމަށާއި، އެ ދުވަހު ހުކުރު ނަމާދު ކުރެވޭނެ އިންތިޒާމު ވޯޓާ ފްރަންޓް އިމާރާތުގައި ހުންނާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އަދި އެހެން ދުވަސްތަކުގައި ހައްޖުވެރިންގެ ބަސްތައް ޓާމިނަލް 2 އަށް މަޑުކުރާ ގޮތަށް ހަމަޖައްސާފައިވާއިރު، މި ހުރިހާ ވަގުތެއްގައިވެސް އެއާޕޯޓުގެ އޮފިޝަލުން ހައްޖުވެރިންނަށް އެހީތެރިވުމަށް ހަރަކާތްތެރިވާނެއެވެ.