1447 ވަނަ އަހަރުގެ މަތިވެރި ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖާޖީންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޒާމުތައް ކުރިއަށް ގެންދަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ގުޅިގެންނެވެ. މިއަހަރު ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ. މި ދަތުރުތަކަށް ޤައުމީ އެއަރލައިން "މޯލްޑިވިއަން" ގެ ދެ ފްލައިޓާއި "ސައުދިއާ"ގެ ދެ ފްލައިޓް ވަނީ ހާއްސަކުރެވިފައެވެ.
ހައްޖާޖީންގެ ދަތުރުތަކުގެ ތަފްސީލަށް ބަލާއިރު:
- 15 މޭ (ހުކުރު): ސައުދީ އެއަރލައިންސް (15:25 ގައި) – 242 ޙައްޖާޖީން ފުރާނެއެވެ.
- 17 މޭ: މޯލްޑިވިއަން (07:10 ގައި)
- 18 މޭ: ސައުދީ އެއަރލައިންސް (15:25 ގައި)
- 19 މޭ: މޯލްޑިވިއަން (09:45 ގައި)
އެމްއޭސީއެލްއިން ބުނިގޮތުގައި، "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ޙައްޖުވެރިންނަށް ޚާއްޞަ ލުއިފަސޭހަތަކެއް އެއަރޕޯޓުން ލިބިގެންދާނެއެވެ. އެގޮތުން، 15 މޭ ވާ ހުކުރު ދުވަހު ފުރުމަށް ހަޖެހިފައިވާ، ސައުދީއާގެ ފުރަތަމަ ފްލައިޓުން 242 ހައްޖާޖީން ފުރުމަށް ވަނީ ހަމަޖެހިފައެވެ. މިދުވަހު ހައްޖުވެރިން ގޮވައިގެން އެއަރޕޯޓަށް ދާ ބަސްތައް ވީއައިއޭގެ ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ކުރިމައްޗަށް މަޑުކުރަން ހަމަޖައްސާފައިވާއިރު، އެ ދުވަހު ފުރާ ފަރާތްތަކަށް ހުކުރު ނަމާދުކުރުމުގެ ފުރުސަތު ވޯޓަރ ފްރަންޓް އިމާރާތުގެ ތިރީގައި ވަނީ ތަނަވަސްކޮށްދީފައެވެ.
އަދި 17 އިން 19 އަށް ފުރާ ޙައްޖާޖީން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޓަރމިނަލް 2 ގެ ޑްރޮޕް-އޮފް ސަރަޙައްދާއި ކޮންކޯސް އޭރިއާއެވެ. އަދި މިދުވަސްތަކުގައި ޙައްޖާޖީން މަޑުކުރުމަށް ހަމަޖެހިފައިވަނީ ޓަރމިނަލް 2 ގެ ކޮންކޯސް އޭރިއާގައެވެ. މި ހުރިހާ ދުވަހެއްގައިވެސް ޙައްޖާޖީންގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެއަރޕޯޓުގެ ގިނަ އަދަދެއްގެ އޮފިޝަލުން ހަރަކާތްތެރިވާނެއެވެ.
މީގެ އިތުރުން، ހައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި ސައުދީ އަރަބިއްޔާގައި ޙައްޖާޖީންނަށް ހިދުމަތްދޭ "ރަވާފް މިނާ" ގްރޫޕުންވެސް އަންނަނީ މިނާގައި ޙައްޖުވެރިން ތިބޭ ޓެންޓުތަކަކީ އަރާމު ތަންތަނަށް ހެދުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މިއަހަރުގެ ހައްޖުގެ އިންތިޒާމުތައް އެހެން އަހަރުތަކަށްވުރެ ފުރިހަމަކުރުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކަކުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.