MTCC

ސަރުކާރުގެ ޓެކްސީ ލައިނުން މިހާތަނަށް 13،000 އަށްވުރެ ގިނަ ދަތުރުކޮށްފި

de3efc43-8010-44bc-bf93-e9d6151d0a04-876x584

ސަރުކާރުގެ ޓެކްސީ ލައިނުން މިހާތަނަށް 13،000 އަށްވުރެ ގިނަ ދަތުރުކޮށްފި

SHARE

މާލެ ސަރަހައްދުގައި ދަތުރުފަތުރުގެ ލުއިފަސޭހަކަން އިތުރުކުރުމަށް ސަރުކާރުން ތައާރަފުކުރި "މާލެ ޓެކްސީ ލައިން" އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ހާމަވެއްޖެއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 18 އިން ފެށިގެން މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އެ ލައިނުން ވަނީ ޖުމްލަ 13،073 ދަތުރު ކޮށްފައެވެ.

މި މުއްދަތުގެ ތެރޭގައި 9،550 ކަސްޓަމަރުންނަށް މި ޚިދުމަތް ދީފައިވާއިރު، އެންމެ ގިނަ ދަތުރުތައް ކޮށްފައިވަނީ މާލެ ސިޓީގެ އެތެރޭގައެވެ. އެގޮތުން މާލެ ތެރޭގައި 9،395 ދަތުރު ކޮށްފައިވެއެވެ. މީގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް 1،966 ދަތުރު، ދެވަނަ ފިޔަވައްސަށް 1،283 ދަތުރު އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 429 ދަތުރު ކޮށްފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މި ޓެކްސީ ލައިންގެ ޚިދުމަތަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ، ރައްކާތެރި އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ފެށި ޚިދުމަތެކެވެ. މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ރަސްމީކޮށް ފައްޓަވައިދެއްވި މި ޚިދުމަތް، ފުރަތަމަ ދެ ހަފްތާގައި ދީފައިވަނީ ހިލޭއެވެ. ޓެކްސީތަކުން އަގު ނަގަން ފަށާފައިވަނީ މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

ތިމާވެއްޓާ ރައްޓެހި 150 އިލެކްޓްރިކް ކާރު ބޭނުންކޮށްގެން ދޭ މި ޚިދުމަތަކީ 24 ގަޑިއިރު މެދުނުކެނޑި ލިބޭނެ ޚިދުމަތެކެވެ. ސަރުކާރުގެ އަމާޒަކީ މި ޚިދުމަތުގެ ސަބަބުން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، ރައްޔިތުންނަށް ހިތްހަމަޖެހޭ ފަދަ ތަހުޒީބީ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.