ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ފުރިހަމައަށް ތަންފީޒުކުރެވޭނެ ކަމަށާއި، ޤާނޫނުތަކާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ، ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ޝަހުޒާން އާއި ލީވާންއަށް ޖަލު ހުކުމެއް އައުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހީނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު ރާއްޖޭގައި އޮތީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވެގެން އުޅޭ މައްސަލައެއް ނޫނެވެ. އަދި އެއީ އެއްވެސް ފަރާތަކުން ނިގުޅައިގަނެގެން އުޅޭ ހައްޤުތަކެއްވެސް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި، މިއަދު ފެންނަމުން ދަނީ މި ހައްޤުތައް އެއްވެސް އިންތިޒާމެއް ނެތި ތަންމިނަށް ހުޅުވާލެވިފައި އޮތުމުން، އޭގެ ނާޖާއިޒު ފައިދާ ނަގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގަޒުފުކުރަމުންދާ މަންޒަރު ކަމަށް ހީނާ ވިދާޅުވިއެވެ.
"ރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރެވޭނެ. އަދި ޤާނޫނުތަކާ ޚިލާފުވުމުން ފިޔަވަޅުވެސް އެޅޭނެ. ޤާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްް އެޅޭ މުހިއްމު ފިޔަވަޅެއް." ހީނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރާ ނޫސްވެރިން ފުލުހަށް ނުވަތަ ކޯޓަށް ނުގެންދާކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ، ނޫސްވެރިންނަށް ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު މިއަދު އެބައޮތް ކަމަށެވެ. ނަމަވެސް، ކޯޓަކުން "ގެގް އޯޑަރެއް" ނުވަތަ ވަކި ކަމަކާ ގުޅޭގޮތުން ވާހަކަ ނުދެއްކުމަށް އަމުރެއް ނެރެފައި އޮއްވައި، އެއާ ޚިލާފުވުމުގެ ފުރުސަތު ދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށްވެސް ލިބިވަޑައިގެންފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
"މިޤައުމުގައި ސިޔާސީ މީހުންގެ އަބުރަށް އަރައިގަތުމާ މީހުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައިގެން އެކަމުން ސިޔާސީ ނަފާ ހޯދުމަށްޓަކައި ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަން ނާޖާއިޒު ގޮތުގައި ބޭނުން ކުރުންދަނީ ރޯވަމުންދާ އަލިފާން ގަނޑެއްފަދައިން ފެތުރެމުން." ހީނާ ވިދާޅުވިއެވެ.
ހީނާ އިތުރަށް ވިދާޅުވީ، ޒާތީ ނުވެ، ދޮގު ނުހަދައި އަދި މީހުންގެ އަބުރާ ނުބެހިވެސް ސަރުކާރަށް ފާޑުކިޔައި، ސަރުކާރު ޒިއްމާދާރު ކުރެވޭނެ ކަމަށެވެ. އަދި ޤާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި އެޅޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.