ރަށްރަށާއި ސިޓީތަކުގައި ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ހިމެނުމަށާއި، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުންނަކީ ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި ކަނޑައެޅުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲ އެވެ. މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ ކައުންސިލްތަކުން ދޭންޖެހޭ ޚިދުމަތްތައް ފުޅާކުރުމާއި، އެލްޖީއޭގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެ އިދާރާގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން މިހާރު ކައުންސިލްތަކުން ފޯރުކޮށްދޭން ލާޒިމުކޮށްފައިވާ ޚިދުމަތްތަކަކީ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތެވެ. ނަމަވެސް، ހުށަހެޅިފައިވާ އިސްލާހާއެކު، ހަތަރުވަނަ ޚިދުމަތެއްގެ ގޮތުގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ކައުންސިލްތަކުން ދޭންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު އެލްޖީއޭގެ މުވައްޒަފުންނާ ގުޅޭ ކަންކަމަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. މިހާރު ގާނޫނު އޮތްގޮތުން އެލްޖީއޭގެ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ އެ އޮތޯރިޓީގެ ބޯޑަށެވެ. ނަމަވެސް އާ އިސްލާހުގެ ދަށުން އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސާވިސް މުވައްޒަފުންނަށް ވެގެންދާނެއެވެ.
ބިލުގައިވާ ގޮތުން:
- އެލްޖީއޭއަށް މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ ސީއީއޯގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިންނެވެ.
- މުވައްޒަފުންގެ މަގާމުތަކުގެ އޮނިގަނޑު އެކުލަވާލާނީ ބޯޑުގެ ލަފާގެ މަތިން ސީއީއޯ އެވެ. އަދި މި އޮނިގަނޑު ސީއެސްސީން ފާސްކުރަންޖެހޭނެއެވެ.
- މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.
- ސީއެސްސީން އޮނިގަނޑު ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި މުސާރަ ކަނޑައަޅައި، 60 ދުވަހުގެ ތެރޭގައި މުވައްޒަފުން އާ މަގާމުތަކަށް ބަދަލުކޮށް ނިންމަންޖެހޭނެއެވެ.
މި ބިލުގެ އިބްތިދާއީ ބަހުސް ނިންމުމަށްފަހު، މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން 44 މެންބަރުންގެ ވޯޓުންނެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 5 މެންބަރުންނެވެ. ބިލު މަޖިލީހަށް ބަލައިގަތުމާ ގުޅިގެން، އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައެވެ.