MTCC

10،700 ފްލެޓް އެޅޭ ވަރަށް ބިން ލިބިއްޖެ، އިތުރު ބިންތަކެއް ހޯދަނީ!

dsc-8469-2-1024x683

10،700 ފްލެޓް އެޅޭ ވަރަށް ބިން ލިބިއްޖެ، އިތުރު ބިންތަކެއް ހޯދަނީ!

SHARE

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މިހާރު ލިބިފައިވާ ބިންތަކުގައި 10،700 ފްލެޓް އެޅުމުގެ މަޝްރޫއުތައް ކުރިއަށްދާކަމަށާއި އިތުރު ބިންތައް ހޯދަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގައުމުގެ މާލީ ހާލަތު އޮތް ގޮތުން ބޭރުގެ ލޯނުތައް ހޯދުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، އައު އީޖާދީ ގޮތްތަކެއްގެ ބޭނުންކޮށްގެން މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު މުއްތަލިބު ދެއްވި ތަފްސީލުތަކަށް ބަލާއިރު، މިހާރުވެސް ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވަނީ ފެށިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ބީއެމްއެލް މެދުވެރިކޮށް ކުރިއަށްދާ 3,260 ފްލެޓްގެ މަސައްކަތް.
  • ބީއެމްއެލްގެ ފަންޑިންގްގައި އެޅުމަށް ސޮއިކޮށްފައިވާ 540 ފްލެޓް.
  • ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކުރާ 500 ފްލެޓް.
  • ސައުދީ ފަންޑުގެ އެހީގައި ކުރިއަށްދާ 400 ފްލެޓްގެ މަޝްރޫއު.
  • އިންޑިއާގެ އެލްއޯސީގެ ދަށުން އަޅާ 4,000 ފްލެޓްގެ އިދާރީ މަސައްކަތްތައް ނިމުން.

މީގެ އިތުރުން، ދިވެހި ކޮންޓްރެކްޓަރުންނަށް ފުރުސަތު ހުޅުވާލައިގެން 2,000 ހައުސިން ޔުނިޓް އެޅުމަށް ޕްރޮޕޯސަލް ލިބިފައިވާ ކަމަށާއި، އިތުރު 1,000 ފްލެޓް އެޅުމުގެ މަޝްވަރާތައްވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ނަމަވެސް، މާލެ ސަރަހައްދުގައި ބިން ލިބުމުގެ ދަތިކަން ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭ ފޭސް 3 ގައި އިމާރާތް ކުރެވޭ އުސްމިނަށް ބަދަލު އައުމާ ގުޅިގެން ފްލެޓްތަކުގެ އަދަދަށް އަސަރުކޮށްފައިވާ ކަމަށެވެ. އެއާޕޯޓަށް ފްލައިޓް ޖައްސާ ރޫޓާ ދިމާވާތީ، ކުރިން 17 ބުރިއަށް ނިންމާފައި އޮތް ނަމަވެސް، ސިވިލް އޭވިއޭޝަނުން މިހާރު ހުއްދަ ދީފައިވަނީ 14 ބުރިއާ ހަމައަށެވެ.

މި ހުރަސްތަކާއެކުވެސް، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. އެހެންކަމުން، އެޗްޑީސީއާ ގުޅިގެން އިތުރު ބިންތައް ހޯދުމުގެ މަސައްކަތާއި، މާލޭގެ އެކި ސަރަހައްދުތަކުން ހައުސިން މަޝްރޫއުތަކަށް ބޭނުންކުރެވޭނެ ބިންތައް ދެނެގަތުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.