ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގެ ހުއްދަ "އަދަދު" ނޫހަށާއި އެ ނޫހުގެ ނޫސްވެރިންނަށް ދޫނުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ އިއްޔެ ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކްރިމިނަލް ކޯޓުގެ އަމުރަކާ ޚިލާފަށް އެ ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން ޢަމަލުކޮށްފައިވާތީ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.
ރައީސް އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އަދަދު ނޫހުގެ މީސްމީޑިއާ އެކައުންޓަކުން ދައުރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިންގަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެ އޮފީހަށް އަންގާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ މައްސަލައެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ކޮމިޝަނުން ވެސް ބައްލަވަމުންދާކަން ވަނީ ހާމަކޮށްފައެވެ.
އެ އޮފީހުން ބުނި ގޮތުގައި، ކްރިމިނަލް ކޯޓުގައި ބަލަމުންދާ މައްސަލައިގައި މިމަހު 10 ވަނަ ދުވަހު ކޮށްފައިވާ "ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު" އާ ޝަހުޒާން ވަނީ ޚިލާފުވެފައެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުން އެޅި ފިޔަވަޅަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނުގެ 39، 40 އަދި 44 ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކާއި ސުލޫކީ މިންގަނޑުތަކަށް ރިއާޔަތްކޮށް އެޅި ފިޔަވަޅެކެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ 13 ވަނަ މާއްދާއިން ލިބިދޭ އިޚުތިޔާރުގެ ދަށުން، މި މައްސަލަތައް ބަލާ ނިމެންދެން އަދަދު ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ރައީސް އޮފީހުގެ ޕްރެސްތަކަށް ވަނުމުގެ ހުއްދަ ނުދޭން ވަނީ ނިންމާފައެވެ.
އިއްޔެ ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ކޯޓު އަމުރާ ޚިލާފަށް ސުވާލުކުރި ކަމަށް ބުނެ އަދަދު ނޫހުގެ ނޫސްވެރިޔާ ވަނީ ބައްދަލުވުމުން ބޭރުކޮށްފައެވެ. ރައީސް އޮފީހުން އިތުރަށް ބުނީ މިއީ ނޫސްވެރިކަމުގެ ތެދު މައުލޫމާތު ހާމަކުރުމުގެ ޒިންމާއާއި، މީޑިއާތަކުން ނަގަހައްޓަންޖެހޭ ހަމަތައް ހިފެހެއްޓުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.