ދިވެހިރާއްޖޭގައި ޒާތީ މަޢުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުމާއި އަދި ބޭނުންކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މަގުސަދުގައި ސަރުކާރުގެ ފަރާތުން "ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހިމެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ، މަޢުލޫމާތު ނިސްބަތްވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމާއި، މަޢުލޫމާތު ބޭނުންކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި، އެ ފަރާތްތައް ރެގިއުލޭޓްކުރުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ބިލުގައި ހިމެނޭ މައިގަނޑު ކަންކަމަށް ބަލާއިރު، ޒާތީ މަޢުލޫމާތު ޕްރޮސެސްކުރުމުގެ އާންމު އުސޫލުތަކާއި، ހާއްސަ ބާވަތްތަކުގެ މަޢުލޫމާތު ގެންގުޅޭނެ ގޮތްތަކާއި، ރާއްޖޭން ބޭރުގެ ފަރާތްތަކަށް މަޢުލޫމާތު ބަދަލުކުރުމާ ގުޅޭ ހަމަތައް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ. އޭގެ އިތުރުން، ޑޭޓާ ސަބްޖެކްޓުން ނުވަތަ މަޢުލޫމާތުގެ ވެރިފަރާތްތަކަށް ލިބިދޭ ހައްގުތަކާއި، ޑޭޓާ ބްރީޗެއް ނުވަތަ މަޢުލޫމާތު ލީކުވުމެއް ފަދަ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަންޖެހޭ ގޮތްތައްވެސް ބިލުގައި ހިމަނާފައިވެއެވެ.
މި ޤާނޫނު ތަންފީޒުކޮށް ހިންގުމަށްޓަކައި ޕްރައިވަސީ ކޮމިޝަނަރެއްގެ މަޤާމު އުފެއްދުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ. ބިލު ބުނާ ގޮތުން، ޕްރައިވަސީ ކޮމިޝަނަރުގެ ދައުރު އަދާކުރައްވާނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން މިހާރު އައްޔަންކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރެވެ. ޤާނޫނު ހިންގުމަށް ބޭނުންވާ ބާރުތަކާއި މަސްއޫލިއްޔަތުތައް ބިލުން ކޮމިޝަނަރަށް ލިބިދޭނެ ކަމަށް ވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. މި ގޮތުން، ޝަކުވާ ހުށަހެޅުމާއި، މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ އިހުތިޔާރު ކޮމިޝަނަރަށް ލިބިދޭނެއެވެ.
ރާއްޖޭގައި ޑިޖިޓަލް ޚިދުމަތްތައް ފުޅާވަމުންދާ މި ދަނޑިވަޅުގައި، ރައްޔިތުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމަށް ހާއްސަ ޤާނޫނީ އޮނިގަނޑެއް ގާއިމުކުރުމަކީ ގިނަ ބަޔަކު ކުރަމުން ދިޔަ އިންތިޒާރެކެވެ. މި ބިލު ފާސްވެ ޤާނޫނަކަށް ވެއްޖެނަމަ، ރާއްޖޭގައި ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ދާއިރާއިން މުހިންމު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.
މި ބިލު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޓީން ބިލު ދިރާސާކޮށް ނިންމުމަށްފަހު، ބިލު ފާސްކުރުމާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅޭނެއެވެ.