ހދ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ރައީސް ނިންމާލައިފި

-

ހދ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ރައީސް ނިންމާލައިފި

SHARE

ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަށް ޒިޔާރަތްކުރައްވާފައިވާއިރު، އެ ރަށްރަށަކީ ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮޅިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ، މަކުނުދޫ އަދި ކުޅުދުއްފުށި ސިޓީއެވެ. ރައީސް ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، ތަރައްޤީގެ މަސައްކަތްތައް ފެއްޓެވުމާއި، އެއްބަސްވުންތަކުގައި ސޮއިކުރެއްވުން މި ދަތުރުފުޅުގައި ވަނީ ކުރިއަށްގެންދަވާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އަތޮޅުގައި ފަތުރުވެރި މަންޒިލްތައް ޤާއިމުކުރެއްވުމުގެ ގޮތުން މުހިންމު މަސައްކަތްތައް ފެއްޓެވުމާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރެއްވުމުގެ ގޮތުން، ވައިގެބަނދަރުތަކާއި، ވިޔަފާރި ބަނދަރާއި، ކަނޑުދަތުރުފަތުރާ ގުޅުންހުރި ބިނާރު ތަރައްޤީކުރެއްވުމާއި އަޕްގްރޭޑްކުރެއްވުމަށް މަޝްރޫޢުތައް ފެއްޓެވުން ހިމެނުނެވެ. އަދި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތަކާއި، ތަޢުލީމާއި، ސިއްޙަތާއި، ހަށިހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކާއި، މަސްވެރިކަމާއި އަދި ދަނޑުވެރިކަމުގެ އިޤްތިޞާދު ފުޅާކުރެއްވުމަށް ނިންމެވި މުހިންމު ނިންމެވުންތައް ހިމެނޭހެން، ޖުމުލަކޮށް ސަރުކާރުގެ ނޮދަރން އިންޓެގްރޭޓަޑް ޑިވެލޮޕްމެންޓް ޒޯންގެ ތަޞައްވަރަށް މަގުފަހިވާ ފަދަ މުހިންމު މަސައްކަތްތައް، މި ދަތުރުގައި ހިމެނިގެން ކުރިއަށްގެންދަވާފައިވެއެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ މި ސަރުކާރުން އަހުމިއްޔަތުކަންދޭ ސިޔާސަތެކެވެ.