MTCC

"އަދަދު" ނޫހުގެ އެޑިޓަރުންގެ މައްޗަށް ޤަޒުފުގެ ދައުވާ އުފުލައި، ޑޮކިއުމަންޓްރީ ފެތުރުން މަނާކޮށްފި

ފޮޓޯ:ޕީއެސްއެމް

"އަދަދު" ނޫހުގެ އެޑިޓަރުންގެ މައްޗަށް ޤަޒުފުގެ ދައުވާ އުފުލައި، ޑޮކިއުމަންޓްރީ ފެތުރުން މަނާކޮށްފި

SHARE

އަދަދު" ނޫހުގެ އެޑިޓާ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި، އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް ޤަޒުފުގެ ކުށުގެ ދައުވާ ދިވެހި ސަރުކާރުން އުފުލައިފިއެވެ.

މި ދެ ބޭފުޅުންގެ މައްޗަށް ދައުވާ އުފުލާފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި ކްރިމިނަލް ކޯޓުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

ޕީޖީ އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ފިޔާޒާއި ޙަސަން މުޙައްމަދުގެ މައްޗަށް މި ދައުވާ އުފުލާފައި ވަނީ  ރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުންނެވެ. މި މައްސަލަ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު، މިއީ "އަދަދު" ނޫހުން އާންމުކޮށްފައިވާ ވީޑިއޯ ޑޮކިއުމަންޓްރީއެއްގައި ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ސޮއިކުރައްވައި މިއަދު ވަނީ ޚާއްސަ އަމުރެއް ނެރުއްވާފައެވެ. އެ އަމުރުގައި ވަނީ ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގާފައެވެ. އަދި ކޯޓުން މި މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން، ސުވާލު އުފެދިފައިވާ އެ ވީޑިއޯ ޑޮކިއުމަންޓްރީ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން، އެ ޑޮކިއުމަންޓްރީގައި ހިމެނޭ އެއްވެސް ވާހަކައެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް އިތުރަށް ނުދެއްކުމަށާއި، މައްސަލައިގެ ޚަސްމަކާ ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާއާ ގުޅޭ އެއްވެސް ވާހަކައެއް އާންމު ނުކުރުމަށް ކޯޓުން ވަނީ ހަރުކަށިކޮށް އަމުރުކޮށްފައެވެ. ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އެންގުންތަކާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމެކެވެ.

"އަދަދު" ނޫހުން މިފަދަ ޑޮކިއުމަންޓްރީއެއް އާންމުކޮށްފައިވަނީ ދާދި ފަހުން ބޭއްވި ކައުންސިލް އިންތިޚާބާ ދިމާކޮށެވެ. މީގެ ކުރިން ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދުވަސްވަރުވެސް އެ ނޫހުން މިފަދަ ތުހުމަތުތަކެއް އެކުލެވޭ ވީޑިއޯއެއް ނެރެފައިވާކަން ފާހަގަކުރެވެއެވެ.

މި މައްސަލައަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި މީހުންގެ އަބުރާ ގުޅުންހުރި މައްސަލައަކަށް ވުމާއެކު، ގިނަ ބައެއްގެ ސަމާލުކަން މި މައްސަލައަށް ވަނީ ހުއްޓިފައެވެ.