MTCC

އާރުޓީއައި ގާނޫނު "އެބިއުސް" ކުރަމުންދާ ކަމަށް ބަންޑާރަނައިބު ވިދާޅުވެއްޖެ

ފޮޓޯ/ ރައީސް އޮފީސް

އާރުޓީއައި ގާނޫނު "އެބިއުސް" ކުރަމުންދާ ކަމަށް ބަންޑާރަނައިބު ވިދާޅުވެއްޖެ

SHARE

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުން ހިފުމަށް އަމަލުކުރަމުންދާ އާރުޓީއައި ގާނޫނު "އެބިއުސް" ކުރަމުންދާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އާރުޓީއައި ގާނޫނުގައި ބަޔާންކުރާ މުއްދަތުތަކުގެ ތެރޭގައި ރައީސް އޮފީހުން މައުލޫމާތު ނުދޭ މައްސަލައިގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އުޝާމް ވިދާޅުވީ، އާރުޓީއައި ގާނޫނަކީ ވަރަށް މުހިންމު މަގުސަދެއްގައި އެކުލަވާލާފައިވާ ގާނޫނެއް ކަމަށާއި އެ ގާނޫނުގެ ބޭނުން "ހެޔޮ ގޮތުގައި" ކުރާ މީހުންނަށް މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް، މިހާރަކަށް އައިސް އެ ގާނޫނުގެ ނާޖާއިޒު ބޭނުން ހިފާ މިންވަރު އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެ ގާނޫނަކީ ވަރަށް މުހިންމު މަގުސަދެއްގައި ހެދިފައި އޮތް ގާނޫނެއް. އެހެންނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރަށް ފެނިގެން މިދަނީ މިހާރަކަށް އައިސް އަމުދުން، ގިނަ ފަހަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އާރުޓީއައި ގާނޫނު ވަރަށް ބޮޑަށް އެބިއުސްކުރާތަން،" އުޝާމް ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ، އާރުޓީއައި ގާނޫނު ބޭނުންކޮށްގެން ކުރާ ބައެއް ކަންތައްތަކުގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތަކަށް ބުރޫއަރާ ކަމަށެވެ. ނަމަވެސް، އެ ގާނޫނު "އެބިއުސް" ކުރަނީ ކޮން ގޮތަކަށް ކަމުގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.

އުޝާމް މިފަދައިން ވިދާޅުވިއިރު، ސަރުކާރުގެ އިދާރާތަކުން، ހާއްސަކޮށް ރައީސް އޮފީހުން މައުލޫމާތު ހޯދަން ހުށަހެޅުމުން ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި ޖަވާބު ނުދޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ (އައިކޮމް) ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު އެ އޮފީހަށް ހުށަހެޅި 712 ޝަކުވާގެ ތެރެއިން 487 ޝަކުވާއަކީ މައުލޫމާތު ހޯދަން ހުށަހެޅުމުން އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ މައްސަލަތަކެވެ. މީގެ ތެރެއިން އެންމެ ގިނަ މައްސަލަ ރައްދުވަނީ ރައީސް އޮފީހަށެވެ.

މައުލޫމާތު ހޯދަން ހުށަހަޅާ ހުށަހެޅުންތަކުގެ ސަބަބުން ދަތިވާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއިރު، މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ އާރުޓީއައި ގާނޫނުގެ ދަށުން މައުލޫމާތު ދިނުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އާރުޓީއައި މެދުވެރިކޮށް މައުލޫމާތު ހޯދުމަށް ފީއެއް ނެގުމުގެ ވިސްނުންފުޅެއް ވެސް މިނިސްޓަރު ވަނީ ގެންގުޅުއްވާފައެވެ.

ސަރުކާރުގެ އިސްވެރިން މިފަދަ މޭރުމަކުން ވާހަކަދައްކަވަމުންދާއިރު، ނޫސްވެރިންނާއި އާންމުން އަންނަނީ ސަރުކާރުން މައުލޫމާތު ހާމަކުރުމުގެ ބަދަލުގައި، ގާނޫނުގައިވާ އިސްތިސްނާ މާއްދާތަކުގެ ބޭނުން ހިފައިގެން މައުލޫމާތު ހިފަހައްޓަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް މައްސަލަތަކުގައި މައުލޫމާތު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރާއި ކޯޓު މަރުހަލާއާ ހަމައަށް ދާންޖެހޭކަން ވެސް ފާހަގަކުރެވެއެވެ.