MTCC

ބޮޑުތަކުރުފާނު މަގު ހެދުން: 278 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ޖަހައި ނިންމާލައިފި

688272503-1402852571870742-8633917015148708006-n-876x584

ބޮޑުތަކުރުފާނު މަގު ހެދުން: 278 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ޖަހައި ނިންމާލައިފި

SHARE

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 278 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ޖެހުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފި އެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، މަސައްކަތުގެ 2، 3 އަދި 4 ވަނަ ސެގްމަންޓްގައި ޝީޓް ޕައިލް ޖަހާ ނިމިފައިވާއިރު، މިހާރު އެ ސަރަހައްދުތަކުގައި ނަރުދަމާގެ ނިޒާމު އަޕްގްރޭޑް ކުރުމާއި، ފެނާއި ވޭސްޓް ވޯޓަރ މައި ހޮޅިތައް ވަޅުލުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، ފެންހިންދާ ނިޒާމުގެ ކެޗްޕިޓްތަކާއި ވަޅުތައް ބެހެއްޓުމާއި، އެންކަރ ބްލޮކްތަކާއި ކުއޭވޯލް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

މަޝްރޫޢުގެ 5 ވަނަ ސެގްމަންޓާ ގުޅޭގޮތުން އެމްޓީސީސީން ބުނީ، އެ ސަރަހައްދުގައި މަގު ބައްތިތައް މިހާރު ހަރުކޮށް ނިމިފައިވާ ކަމަށެވެ. އަދި ކުއޭވޯލް ފަރާތުގެ ދުވާރު ހެދުމުގެ މަސައްކަތުގެ ތެރެއިން މިހާރު ނުނިމި ހުރި ބައިތައް މި ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މި ސަރުކާރުން މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ފަށްޓަވާފައިވާ މި މުހިންމު މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ތަރައްޤީކުރާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި މަޝްރޫއު ކުރިއަށް ގެންދާއިރު، އެމްޓީސީސީގެ އަމާޒަކީ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އަންނަ ޖުލައިގެ ނިޔަލަށް ނިންމުމެވެ.

މި މަޝްރޫޢު ނިމިގެންދާއިރު، ބޮޑުތަކުރުފާނު މަގުގެ މި ސަރަހައްދުގައި ތާރު އަޅައި، ހިނގާ މީހުންނަށް ޚާއްސަ ލޭނެއް ގާއިމުކުރެވޭނެއެވެ. އަދި މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ހަރުދަނާ ފެންހިންދާ ނިޒާމެއް ވެސް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.