MTCC

އެޗްއާރްސީއެމްގެ ރިޕޯޓުގެ މަފްހޫމް އޮޅުވާނުލުމަށް ފުލުހުން އިލްތިމާސްކޮށްފި

img_md_202308231105201692770720.612

އެޗްއާރްސީއެމްގެ ރިޕޯޓުގެ މަފްހޫމް އޮޅުވާނުލުމަށް ފުލުހުން އިލްތިމާސްކޮށްފި

SHARE

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނެރުނު "ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް" (އެންޕީއެމް) ގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދާ މައުލޫމާތުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ރިޕޯޓުގެ މަފްހޫމް އޮޅުވާނުލުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު އިލްތިމާސްކޮށްފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޗްއާރްސީއެމްގެ ރިޕޯޓަކީ ނިޒާމު އިސްލާހުކުރުމަށް ދީފައިވާ މުހިންމު އިރުޝާދެއް ކަމަށެވެ. އަދި މުއައްސަސާތަކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމުގައި މިނިވަން މުއައްސަސާތަކުން އަދާކުރާ ދައުރު ފުލުހުން އަބަދުވެސް ބަލައިގަންނަ ކަމަށް އެ ބަޔާނުގައިވެ އެވެ.

ހާއްސަކޮށް "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އެގެއިންސްޓް ޓޯޗާ" (އޮޕްޓެކް) ގެ ދަށުން ކުރިއަށްގެންދާ މޮނިޓަރިން މަސައްކަތްތަކަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ގައުމީ ފެންވަރުގައި ދެވޭ ވަރަށް ބޮޑު އަހަންމިއްޔަތެއް ކަމަށް ފުލުހުން ފާހަގަކުރިއެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ، އެޗްއާރްސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ މުޅި ނިޒާމަށް އަމާޒުކޮށްފައިވާ ކަންކަން ކަމަށާއި، އެއީ ހަމައެކަނި ވަކި މުއައްސަސާއަކަށް އެކަނި ދިމާވެފައިވާ ގޮންޖެހުންތަކެއް ނޫން ކަމަށެވެ. އަދި އެއީ ކަންކަން އިސްލާހުކުރުމަށް ދީފައިވާ ލަފާތަކެއް ކަމަށާއި، ގާނޫނީ ގޮތުން ކުށެއް ނުވަތަ ނުރަނގަޅު އަމަލެއް ހިންގާފައިވާކަން ކަނޑައަޅާ ނިންމުންތަކެއް ނޫންކަން ވެސް ފުލުހުން ސާފުކޮށްދިނެވެ.

މި ރިޕޯޓާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ހަބަރު ފެތުރުމުގައި ބޭނުންކޮށްފައިވާ ބަސްމަގާ މެދު ކަންބޮޑުވުން ފާޅުކުރަމުން ފުލުހުން ބުނީ، މުއައްސަސާތަކަށް ކުރިމަތިވެފައިވާ ވަސީލަތްތަކުގެ ދަތިކަމާއި އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ރިއާޔަތްނުކޮށް ހަބަރު ފަތުރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބަޖެޓު ކަންކަމާއި އެމްޓީޑީއެސް ފްރޭމްވޯކާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާކަން ފުލުހުން ފާހަގަކުރިއެވެ.

އެހެންކަމުން، އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ޒިންމާދާރުވުމަށް ފުލުހުން ވަނީ މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެޗްއާރްސީއެމްއާ ގުޅިގެން މަސައްކަތްކުރުމުގައި ފުލުހުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ބަޔާނުގައި ދީފައިވެއެވެ.