ހިޔާ ފުލެޓްތަކުގެ ކުލިން 2000 ރުފިޔާ އުނިކޮށް، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފުލެޓްތަކުގެ ކުލި އެ މިންވަރުގައި ހިފެހެއްޓި ސަބަބުތައް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ރައްޔިތުންގެ މަޖިލީހުގައި ތަފްސީލުކޮށްދެއްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ހިޔާ ފުލެޓްތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމީ އެ މަޝްރޫޢު ކުރިއަށްދިޔަ ގޮތުން ރައްޔިތުންނަށް އުފުލަންޖެހުނު މާލީ ބުރައަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން، ރައީސް ޔާމީންގެ ސަރުކާރުން ހިޔާ ފުލެޓްތަކަށް ކަނޑައެޅި 5,300 ރުފިޔާގެ ކުލި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން 7,500 ރުފިޔާއަށް ބޮޑުކުރިކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ.
ވަޒީރު މުއްޠަލިބު ފާހަގަކުރެއްވި ގޮތުގައި، ހިޔާ ފުލެޓްތަކުގެ ފިނިޝިން މަސައްކަތް ނުނިންމައި ހަވާލުކުރުމުގެ ސަބަބުން، ކޮންމެ އާއިލާއަކުން އެވްރެޖްކޮށް ދެ ލައްކައެއްހާ ރުފިޔާ އަމިއްލައަށް ޚަރަދުކުރަން ޖެހުނެވެ.
"ސަރުކާރުން ޕްރޮޖެކްޓެއް ނިންމާއިރުގައި ފުލެޓް އިމާރާތުގެ އެތެރެ ނުނިންމާ ދިނުމަކީ ރައްޔިތުން އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމެއް ނޫން. އެހެންވީމާ މި ސަރުކާރުން ކުރި ކަމަކީ ރައްޔިތުން އެ ކުރި ޚަރަދު، އެ ދެލައްކަ ރުފިޔާ ރައްޔޮތުންނަށް އަނބުރާ ލިބޭނެ ކޮންމެވެސް މަގެއް ހޯދައިދިނީ. އެ ހޯދައިދޭ ގޮތަކީ އެއްފަހަރާ ފައިސާ ދިނުމެއް ނޫން. އެހެންވީމާ ކުލި ގަވައިދުން ދައްކަމުން އައި ފަރާތްތަކަށް ދެ ލައްކަ ރުފިޔާ ހަމަވަންދެން ކުލި ކަނޑުއްވާލެއްވީ. ކުލި ނުދައްކާ ހުރި ފަރާތްތައް ދައްކަންޖެހޭ ކުލިން އެބައި ކަނޑުއްވާ ލެއްވީ." ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން މިހާރު ކުލިން އުނިކުރި 2,000 ރުފިޔާއަކީ އެ ދެ ލައްކަ ރުފިޔާ ހަމަވަންދެން ރައްޔިތުންނަށް އަނބުރާ ލިބޭ ބަދަލެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ފަހި ފުލެޓްތަކުގެ ކުލި ކުޑަނުކުރި ސަބަބާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އެ ފުލެޓްތަކަކީ ހިޔާ ފުލެޓަށްވުރެ ޖާގަ ބޮޑު އަދި ފިނިޝިން މަސައްކަތްތައް ނިމިފައިވާ ތަންތަން ކަމަށެވެ. އަދި އެތަންތަނުގެ އަގު ކަނޑައަޅާފައިވަނީ މަޝްރޫޢަށް ނެގި ލޯނުތަކާއި ސަރުކާރުން ދޭ ސަބްސިޑީއަށް ބެލުމަށްފަހު އެންމެ އެކަށީގެންވާ މިންވަރަށް ކަމަށާއި، އެއީ ވަކި މަޝްރޫޢަކަށް ތަފާތުކުރުމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދައިދީ، އިންސާފުވެރި ނިޒާމެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުން ކަމަށްވެސް ވަޒީރު މުއްޠަލިބު މިއަދު މަޖިލީހުގައި ވިދާޅުވިއެވެ.