MTCC

މާލޭގެ މަގުތަކުގެ ޑިޒައިން މަސައްކަތަށް ޗައިނާގެ ޓީމެއް މިމަހު ރާއްޖެ އަންނަނީ

ފޮޓޯ: މަޖިލިސް

މާލޭގެ މަގުތަކުގެ ޑިޒައިން މަސައްކަތަށް ޗައިނާގެ ޓީމެއް މިމަހު ރާއްޖެ އަންނަނީ

SHARE

މާލޭގެ މަގުތައް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ޑިޒައިން މަސައްކަތްތައް ފެށުމަށްޓަކައި ޗައިނާގެ ފަންނީ ޓީމެއް މި މަހުގެ ތެރޭގައި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއު ލަސްވަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ކޮންމެ ގައުމަކުންވެސް ހިލޭ އެހީ ދިނުމުގައި ޚާއްސަ އުސޫލުތަކެއް ގެންގުޅޭ ކަމަށާއި، ޗައިނާގެ އުސޫލަކީ ފީސިބިލިޓީ، ސާވޭ، ޑިޒައިނިން އަދި ކޮންސްޓްރަކްޝަންގެ ކަންކަން ވަކިވަކިން ޓެންޑަރކޮށްގެން ކުރިއަށް ގެންދިއުން ކަމަށެވެ. މަޝްރޫއު ލަސްވަނީ މި އިޖުރާއަތްތަކުގެ ސަބަބުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ހިލޭ އެހީދޭ ކަމުގައިވާނަމަ އެއީ އެ ޤައުމުގެ ޓެކްސްޕޭޔަރސްގެ ފައިސާ. އެ ފައިސާ ޚަރަދުކުރާނީ އެ ޤައުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން. އެހެންމަ އަޅުގަނޑުމެން ހިލޭ އެހީ ބޭނުންވާ ކަމުގައިވާނަމަ އަޅުގަނޑުމެން އެކަން ފޮލޯކުރަންޖެހޭނެ. އެއަށް އެއްބަސްވާންޖެހޭނެ،" ވަޒީރު ވިދާޅުވިއެވެ.

އެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެއްވެސް ހާލެއްގައި ޗައިނާ ސަރުކާރުންވެސް އަދި ދިވެހި ސަރުކާރުންވެސް މި މަޝްރޫޢު ލަސްކުރުމަށްޓަކައި ނުވަތަ މި މަޝްރޫޢު ކުރިއަށް ނުގެންދިއުމަށްޓަކައި އެއްވެސް ކަމެއް ނުކުރާ ކަމަށް ވަޒިރު ވަނީ ވިދާޅުވެފައެވެ. އަދި މި މަޝްރޫއު ލަސްކުރުމަށް ދިވެހި ސަރުކާރުންނާއި ޗައިނާ ސަރުކާރުންވެސް އެއްވެސް މަސައްކަތެއް ނުކުރާ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

މިހާރު މަޝްރޫއު އޮތީ ޑިޒައިނިންގެ މަރުހަލާގައި ކަމަށާއި، މި މަހު އަންނަ ޓީމުން އެ މަސައްކަތް ނިންމުމުން ކޮންޓްރެކްޓަރަކު ހޮވުމަށް ޗައިނާ ސަރުކާރުން ޓެންޑަރ ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަމަލީ މަސައްކަތް ފެށޭނީ ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކުރުމުންނެވެ.

މީގެ އިތުރުން، މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ޚާއްސަ ސާވޭއެއް ކުރުމަށް ޗައިނާގެ ފީސިބިލިޓީ ޓީމަށް އަންގާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫއު ކުރިއަށްދާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މަޖީދީ މަގާއި އެހެނިހެން މަގުތަކުގެ މަސައްކަތްތައް ތަރުތީބު ކުރެވިގެންދާނެއެވެ.

ޑރ. މުއްޠަލިބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހަމައެކަނި ޗައިނާގެ މަޝްރޫއުތަކެއް ނޫން ކަމަށާއި، ޖަޕާނާއި އިންޑިއާގެ އެހީގައި ހިންގާ ބޮޑެތި މަޝްރޫއުތަކުގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްވެސް ގިނަ ދުވަސްތަކެއް ނަގާ ކަމަށެވެ.