އަވަށްޓެރި ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިކަން ހާމަކުރެއްވީ ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއް ގައެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު މުހިންމު ހަތް ދާއިރާއަކުން އެމްއޯޔޫއެއްގައި ސޮއިކުރުމަށްފަހު ދެއްވި ބަޔާނުގައި ރައީސް ވިދާޅުވީ، އިގްތިސާދީ ގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ލަންކާގައި ބީއެމްއެލްގެ ގޮފި ހުޅުވުމުގެ އިތުރުން، ރާއްޖޭގެ މަތީ ފެންވަރުގެ މަހުގެ ބާވަތްތައް ލަންކާގެ ބާޒާރަށް ތައާރަފް ކުރުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މާދަމާ އޮންނަ ރާއްޖެ-ލަންކާ ބިޒްނަސް ފޯރަމް ވާނީ މުހިންމު ޕްލެޓްފޯމަކަށް ދެ ގައުމުގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި އިނޮވޭޓަރުން ގުޅުވައި ދިނުމަށް." ރައީސް ވިދާޅުވިއެވެ.
މި ވަގުތު ލަންކާގައި 12,000 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅެމުންދާއިރު، ބޭންކިންގް ޚިދުމަތް އެ ގައުމުގައި ގާއިމުވުމަކީ ދިވެހިންނަށް ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ދިވެހި ސަރުކާރު އޮތީ އިންވެސްޓަރުންނަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކޮށްދީ، ވިޔަފާރީގެ އައު ފުރުސަތުތައް ހުޅުވާލުމަށް ތައްޔާރަށެވެ. މީގެ އިތުރުން، ކުރިއަށް އޮތް ރާއްޖެ-ލަންކާ ބިޒްނަސް ފޯރަމަކީ ދެ ގައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ގުޅުވައިދޭނެ މުހިންމު މަގަކަށް ވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ދެ ފަރާތުގެ ދެމެދުގައި އޮތް ގުޅުމާއި ބައިނަލްއަގުވާމީ ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާ، ސިއްހީ ދާއިރާ، ދިފާއީ ދާއިރާ، ތައުލީމީ ދާއިރާ، ޒުވާނުންނާއި ކުޅިވަރު، ފިޝަރީޒް ދާއިރާ، ތިމާވެށި އަދި އުމްރާނީ ތަރައްގީގެ ދާއިރާ އިން ރާއްޖެ އާއި ލަންކާއާ ދެމެދު މަޝްވަރާ ކުރެވުނު ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކައާއެކު ބޭއްވެވި ބައްދަލުވުމުގައި، ސިއްހީ، ތައުލީމީ، ދިފާއީ އަދި މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ އެއްބަސްވެފައެވެ. ރައީސް ވިދާޅުވީ މި އެއްބަސްވުންތަކުގެ ސަބަބުން މަތީ ތައުލީމާއި، ޒުވާނުންނާއި ކުޅިވަރުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ވާސިލުވާނެ ކަމަށެވެ.