ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ވަންނަ ބޭރު ފައިސާގެ މިންވަރު މަދުވެ، ޑޮލަރުގެ ރިޒާވަށް އޮތް ޕްރެޝަރު ބޮޑުވުމާ ގުޅިގެން، ކާޑުތަކުން މުއާމަލާތްކުރެވޭ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ ބޭންކުން ވަނީ ނިންމާފަ އެވެ.
އެގޮތުން، މި ބަދަލުތަކުގެ ތެރޭގައި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޚާއްސަ ކާޑެއް ތައާރަފްކުރުމާއި، އޮންލައިންކޮށް މުދާ ގަންނަ ސައިޓްތަކުން ކުރެވޭ މުއާމަލާތްތައް ލިމިޓްކުރުން ހިމެނެ ކއެވެ.
ބޭންކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުން އެކުދިންގެ ބެލެނިވެރިންގެ ކާޑު ބޭނުންކުރާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން "ސްޓޫޑަންޓް ކާޑު" އެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށެވެ. މި ކާޑު ދޫކުރެވޭނީ ކިޔަވާކަން ސާބިތުކޮށްދޭ ލިޔެކިޔުން ހުށަހެޅުމުން ކަމަށާއި، އެ ކާޑުތަކަށް ވަކި ޚާއްސަ ޑޮލަރު ލިމިޓެއް ކަނޑައެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އާންމު ކަސްޓަމަރުންގެ ކާޑުތަކުން އޮންލައިންކޮށް މުދާ ގަންނަ ސައިޓްތަކުން މުއާމަލާތް ކުރެވޭނެ އަދަދު މަހަކު 30 ޓްރާންސެކްޝަނަށް ވަނީ ލިމިޓްކޮށްފައެވެ. މި ފިޔަވަޅަކީ ވިޔަފާރި އުސޫލުން މުދާ ގަތުމަށް އާންމު ކާޑުތަކުގެ ޑޮލަރު ލިމިޓް ބޭނުންކުރުން ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށް ބޭންކުން ބުނެއެވެ.
ސީއީއޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ހަތަރު މަސްދުވަހު ބޭންކަށް ވަން ބޭރު ފައިސާގެ މިންވަރު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 100 މިލިއަން ޑޮލަރު ވަނީ މަދުވެފައެވެ. އެހެންކަމުން، ބޭންކުގެ މިހާރުގެ އަމާޒަކީ ލިބެންހުރި ޑޮލަރުކޮޅު ބޭސްފަރުވާއާއި ތައުލީމު ފަދަ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް އިސްކަންދީގެން ބޭނުންކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.