MTCC

’ގްލޯބަލް ސުމޫދު ފްލޮޓިލާ' އަށް އިސްރާއީލުން ދިން ހަމަލާ 11 ގައުމަކުން ކުށްވެރިކޮށްފި

ފޮޓޯ: އަލްޖަޒީރާ

’ގްލޯބަލް ސުމޫދު ފްލޮޓިލާ' އަށް އިސްރާއީލުން ދިން ހަމަލާ 11 ގައުމަކުން ކުށްވެރިކޮށްފި

SHARE

ގާޒާގައި ހިނގަމުންދާ އިންސާނީ ކާރިސާއަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން ހޯދުމަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ، ސުލްހަވެރި މަދަނީ އިންސާނީ ހަރަކާތެއް ކަމަށްވާ 'ގްލޯބަލް ސުމޫދު ފްލޮޓިލާ' އަށް އިސްރާއީލުން ދިން ހަމަލާ، ދިވެހިރާއްޖެ ހިމެނޭހެން 11 ގައުމަކުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ، 'ގްލޯބަލް ސުމޫދު ފްލޮޓިލާ' އަށް އިސްރާއީލުން ދިން ހަމަލާ، ދިވެހިރާއްޖެ، ބްރެޒިލް، އުރުދުން، ޕާކިސްތާން، ސްޕެއިން، މެލޭޝިޔާ، ބަންގްލަދޭޝް، ކޮލަމްބިއާ، ދެކުނު އެފްރިކާ، ތުރުކީވިލާތް އަދި ލީބިޔާގެ ޚާރިޖީ ވަޒީރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާ ކަމަށެެވެ.

މީގެއިތުރުން، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާއި، އިންސާނީ އެހީ ފޯރުކޮށްދޭ އެކްޓިވިސްޓުން ގާނޫނާ ޚިލާފަށް ހައްޔަރުކުރުމަކީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހަމަމިއާއެކު، މަދަނީ އެކްޓިވިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ވަޒީރުން ނުހަނު ކަންބޮޑުވުން ފާޅުކުރައްވާ ކަމަށާއި، އެ ފަރާތްތައް ވަގުތުން މިނިވަންކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ވަނީ ބާރުއަޅުއްވާފައެވެ. އަދި، ބައިނަލްއަގުވާމީ ގާނޫނުތައް ދެމެހެއްޓުމަށާއި، އާންމު ރައްޔިތުން ރައްކާތެރިކުރުމަށާއި، މިފަދަ ގާނޫނާ ޚިލާފު އަމަލުތަކަށް ޒިންމާދާރުކުރުވުން ކަށަވަރުކުރުމަށްޓަކައި، ބައިނަލްއަގުވާމީ މުޖުތަމައުން އަދާކުރަންޖެހޭ އަޚްލާގީ އަދި ގާނޫނީ ޒިންމާތައް އަދާކުރުމަށް.ވަނީ ގޮވާލައްވާފައެވެ.

ރިޕޯޓުތައް ބުނާގޮތުން އިސްރާއީލު ސިފައިން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އުޅަނދުތަކަށް އެރި ވަގުތު ހިންގި ކުރިމަތިލުންތަކުގައި މަދުވެގެން 31 އެކްޓިވިސްޓުންނަށް އެކިވަރުގެ އަނިޔާވިއެވެ. މީގެ ތެރެއިން ބައެއް މީހުންނަށް އަނިޔާވީ އިސްރާއީލު ސިފައިން ބޭނުންކުރި "ސްޓަން ގްރެނޭޑް" އާއި ރަބަރު ވަޒަނުގެ ސަބަބުންނެވެ.

ގާތްގަނޑަކަށް 175 އާއި 200 އާ ދެމެދުގެ އަދަދަކަށް މީހުން އިސްރާއީލުން ހައްޔަރުކުރިއެވެ. މީގެ ތެރޭގައި 70 އަށް ވުރެ ގިނަ ގައުމުތަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ.ހައްޔަރުކުރި ބައެއް މީހުން މިނިވަންވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ބަންދުގައި ތިބި ވަގުތު ކާބޯތަކެއްޗާއި ފެން ނުދީ ހިފެހެއްޓުމާއި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާކޮށްފައިވާ ކަމަށެވެ.