ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ތަރުޖަމާނު ވިދާޅުވީ،ސަރުކާރުގެ އަމާޒަކީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރުން ކަމަށް މީގެ ކުރިން ބުނެފައިވަނީ އެއީ އެ އިރަށް އޮތް "ޓާގެޓެއް" ނުވަތަ އަމާޒެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެއީ ކޮންމެހެން ހިފަހައްޓަންޖެހޭ ވަކި އަދަދެއްގެ ގޮތުގައި ވެފައިވާ ރަސްމީ ވައުދެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު މިހާރު 700 އަށްވުރެ އިތުރުވެފައިވާތީ އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ،ސަރުކާރުގެ މަސައްކަތްތައް ހަލުވިކުރުމަށާއި ވައުދުތައް ފުއްދުމަށްޓަކައި އިތުރު މުވައްޒަފުން ބޭނުންވާ ކަމަށެވެ.
"ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރުމަކީ ކޮންމެހެން ހިފަހައްޓަންޖެހޭ ވަކި އަދަދެއްގެ ގޮތުގައި ވެފައިވާ ރަސްމީ ވައުދެއް ނޫން. އެއީ ޓްރާންސިޝަން މަރުހަލާގައި ހެދުނު އެސެސްމަންޓްތަކަށް ބަލާފައި އޭރު ކަނޑައެޅުނު އަމާޒެއް."
މީގެއިތުރުން،ޔާސީ މުވައްޒަފުން ގިނަވި ނަމަވެސް، ސަރުކާރުގެ ޖުމްލަ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި، އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ބައެއް ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކުރުމާއި، މަގާމުތައް މަދުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ސިޔާސީ މުވައްޒަފުންގެ ސީދާ އަދަދު ހާމަކުރުމާ ގުޅޭގޮތުން ސުވާލު ކުރުމުން، ތަރުޖަމާނު ވިދާޅުވީ،އެ މައުލޫމާތުތައް ކަމާބެހޭ އިދާރާތަކުން ހާމަކުރަމުންދާނެ ކަމަށެވެ.ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ފަށާފައިވާ އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.