MTCC

ނޫސްވެރިކަމުގެ ނަމުގައި އަބުރު ކަތިލުމަށް ފުރުސަތެއް ނެތް: މިނިސްޓަރު އިހުސާން

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން (ފޮޓޯ/ ސަން)

ނޫސްވެރިކަމުގެ ނަމުގައި އަބުރު ކަތިލުމަށް ފުރުސަތެއް ނެތް: މިނިސްޓަރު އިހުސާން

SHARE

ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް "ޒިނޭ" ކުރިކަމަށް ބުނެ ދޮގު ތުހުމަތުތަކެއް ކުރި ނޫސް އިދާރާއަކަށް ފުލުހުން ވަދެ، އެތަން ބަލައި ފާސްކުރުމަކީ ގާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ،މިނިސްޓަރު ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަަކަށް ވީނަމަވެސް، އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތައް ފަތުރައިގެން  މީހުންގެ އަބުރު ކަތިލުމަށް ދީފައިވާ ފުރުސަތެއް ނޫން ކަމަށެވެ.

ޤާނޫނުއަސާސީގެ އަލީގައި މިނިސްޓަރު ފާހަގަކުރެއްވި މުހިންމު ކަންތައްތައް:
  • ހިޔާލު ފާޅުކުރުމުގެ މިނިވަންކަން (27 ވަނަ މާއްދާ): ކޮންމެ މީހަކަށްމެ މި މިނިވަންކަން އޮތް ނަމަވެސް، އެއީ އިސްލާމްދީނު އަސްލަކާ ހިލާފުނުވާ ގޮތަށް އޮންނަންޖެހޭ ކަމެކެވެ.
  • ނޫސްވެރިކަމުގެ މިނިވަންކަން (28 ވަނަ މާއްދާ): ހަބަރާއި މައުލޫމާތު ފެތުރުމުގެ މިނިވަންކަން އޮތް ނަމަވެސް، އެ މަސައްކަތް ވާންޖެހޭނީ ޒިންމާދާރުކަމާއެކު ކުރެވޭ މަސައްކަތަކަށެވެ.
  • އަބުރު ރައްކާތެރިކުރުން (33 ވަނަ މާއްދާ): ކޮންމެ ދިވެހި ރައްޔިތަކަށްމެ އެމީހެއްގެ އަބުރާއި ގަދަރު ރައްކާތެރިކުރުމުގެ ހައްގު ގާނޫނުއަސާސީން ލިބިދެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ހަގީގަތާ ހިލާފު ބޮޑެތި އިލްޒާމްތައް އުފައްދައިގެން ފެތުރުމަކީ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ. އަދި ފުލުހުން މި މައްސަލަ ތަހުގީގުކުރަމުން ދަނީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ހައްގުތައް ހިމާޔަތްކޮށް، ގާނޫނުގެ އިސްލާލް ދެމެހެއްޓުމަށް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މައްސަލަ ފެށުނީ އޮންލައިން ނޫސް އަދަދު އިން  ނެރުނު "އައިޝާ" ނަމަކަށް ކިޔާ ޑޮކިއުމަންޓްރީއަކާ ގުޅިގެންނެވެ. އެ ވީޑިއޯގައި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ދިރިއުޅުއްވުމާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، ރައީސް މުއިއްޒު ވަނީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. މި މައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އެ ނޫސް އިދާރާގެ އޮފީހަށް ވަދެ، ބައެއް އިލެކްޓްރޯނިކް ސާމާނުތައް ބަލައި ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި އަމަލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެރި ލޮޅުމެއް ކަމަށް ބުނެ ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ސަރުކާރުން ބުނަނީ މިއީ އަބުރު ރައްކާތެރިކުރުމަށާއި ގާނޫނު ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ.