ނަފްސާނީ އުނދަގޫ ހާލަތްތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުން ލަސްނުކޮށް ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ އެހީތެރިކަން ހޯދުމަށް އިލްތިމާސްކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މުޖުތަމައުގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި ހާދިސާތަކާމެދު އެ މިނިސްޓްރީއިން ނުހަނު ކަންބޮޑުވާ ކަމަށެވެ. މި ދަނޑިވަޅުގައި އެކަކު އަނެކަކަށް ހަމްދަރުދީއާއި، ޒިންމާދާރުކަމާއެކު، އޯގާތެރިކަމާއެކު މުއާމަލާތު ކުރުމަށް މިނިސްޓްރީއިން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެެވެ.
ކޮންމެ އިންސާނެއްގެ ފުރާނައަކީ މަތިވެރި އަގުހުރި އަމާނާތެއްކަން ފާހަގަކުރައްވާ މިނިސްޓްރީއިން ބުނީ، ދިރިއުޅުމުގައި ކޮންމެ މީހަކަށްވެސް އުފަލާއި ހިތާމައިގެ މަގުތަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. މީސްމީޑިއާގައި ފަތުރާ ވާހަކަތަކާއި ހިއްސާކުރާ މައުލޫމާތުތަކަކީ، ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނޭ ކަންކަން ގޮތުގައި މިނިސްޓްރީން ފާހަގަކުރި އެވެ.
ވީމާ، މިފަދަ ނަފްސާނީ ދަތިތަކަކާ ކުރިމަތިލާ ފަރާތްތަކުން، މިކަމަށް ބޭނުންވާ އެހީތެރިކަން ނުވަތަ ކައުންސިލިންގ ފަދަ ހިދުމަތްތައް ހޯދުމަށް ފަސްނުޖެހުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެކަކު އަނެކަކަށް އަޅާލުމާއި، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މިނިސްޓްރީއިން އިލްތިމާސްކުރެއެވެ.
އެގޮތުން، ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ސަރުކާރުން ގާއިމުކޮށްފައިވާ ހިދުމަތްތަކުގެ ބޭނުން ހިފުމަށް މިނިސްޓްރީއިން ވަނީ ގޮވާލާފައެވެ.ނަފްސާނީ ގޮތުން އުނދަގޫތަކެއް ތަހައްމަލު ކުރަމުންދާ ފަރާތްތަކުން އެހީތެރިކަން ހޯދުމަށް، ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ ނަންބަރު 1677 އަށް ލަސްނުކޮށް ގުޅުމަށް މިނިސްޓްރީއިން ވަނީ އެދިފައެވެ. މި ހެލްޕްލައިން އަކީ 24 ގަޑިއިރު ހިދުމަތް ލިބޭ ހެލްޕުލައިންއެކެވެ.
މި ހިދުމަތްތަކަކީ ތަމްރީނު ލިބިފައިވާ ކައުންސިލަރުންނާއި މާހިރުން މެދުވެރިކޮށް، މައުލޫމާތުގެ ސިއްރު ހިފެހެއްޓޭނެ ގޮތަށް ފަރުމާކޮށްފައިވާ ހިދުމަތްތަކެކެވެ. މީގެ އިތުރުން، އައި.ޖީ.އެމް.އެޗް ގެ ސެންޓަރ ފޯ މެންޓަލް ހެލްތާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ވެސް ނަފްސާނީ ފަރުވާ ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.
ހެލްތު މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ނަފްސާނީ ބަލިމަޑުކަމަކީ ވެސް ޖިސްމާނީ ބަލިތަކެކޭ އެއްފަދައިން ފަރުވާ ހޯދައިގެން ރަނގަޅު ކުރެވޭނެ ކަންކަން ކަމަށެވެ. އެހެންކަމުން، އާއިލާގެ މީހަކަށް ނުވަތަ ރަހުމަތްތެރިއަކަށް ނަފްސާނީ ގޮތުން ބަދަލުތަކެއް ފާހަގަކުރެވޭނަމަ، އެމީހަކަށް އަޅާލައި، އެހީތެރިކަން ހޯދައިދިނުމުގައި އެންމެހާ ރައްޔިތުން އެއްބާރުލުން ދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ހެލްތު މިނިސްޓްރީއިން ބުނީ، ، ނަފްސާނީ އެހީތެރިކަން ހޯދުމަކީ ހިތްވަރުގަދަ ކަމެއް ކަމަށާއި، ބޭނުންވާ ވަގުތު އެހީތެރިކަން ހޯދުމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމެއް ކަމަށެވެ. ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ހިދުމަތްތައް ހަރުދަނާކުރުމަށާއި ހަނގާ ކުރުމުގެ މައްސަލަތައް މަދު ކުރުމަށް ފަންނީ ބޭފުޅުންނާއި ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިން އަކީ،ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "ހަފްތާ 14″ މަޝްރޫއުގެ ދަށުން 21 ފެބްރުއަރީ 2024 ގައި އިފްތިތާހުކުރި ހިދުމަތެކެވެ. މިއީ ދިވެހިރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަކޮށްގެން ހިންގާ 24 ގަޑިއިރުގެ ފުރަތަމަ ގައުމީ ހެލްޕްލައިންއެވެ. ހަމަމިއާއެކު،ސަރުކާރުގެ އާ ސިޔާސަތުގެ ދަށުން، 1 ޖެނުއަރީ 2026 އިން ފެށިގެން ނަފްސާނީ ބަލިތަކުގެ ހުރިހާ ފަރުވާއަކަށް އާސަންދައިގެ ދަށުން ފުރިހަމަ ކަވަރޭޖް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ދިރާސާތަކުން ދައްކާގޮތުގައި ރާއްޖޭގެ ކޮންމެ 5 މީހަކުން 1 އަކީ ކޮންމެވެސް ކަހަލަ ނަފްސާނީ ދަތިތަކެއް ތަހައްމަލުކުރާ މީހެކެވެ.