މިދިޔަ މާރިޗު މަހު ސީ-ޓު-އެއަރ ކާގޯ ހިދުމަތް މެދުވެރިކޮށް 12 ގައުމަކަށް، 75 ޓަނަަށް ވުރެ ގިނަ މުދާ ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ، 14 ޓީއީޔޫސްއެވެ. މިދިޔަ މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް މުދާ ފޮނުވި އެއަރލައިންތަކަކީ؛
- ވާރޖިން އެޓްލާންޓިކް
- އިއްތިހާދު އެއަރވޭސް
- ލުފްތަންސާ
- ސްވިސް އެއަރލައިންސް
- ޓާކިޝް އެއަރލައިންސް
- ގަތަރު އެއަރލައިންސް
މީގެއިތުރުން، މި ހިދުމަތް މެދުވެރިކޮށް މުދާ ފޮނުވި ގައުމުތަކުގެ ތެރޭގައި، އިޓަލީ، ޔުނައިޓެޑް ސްޓޭޓްސް، ޔުނައިޓެއް އަރަބް އެމިރޭޓްސް، ނެދަރލޭންޑްސް، ފުރާންސް ، ތުރުކީ، ޔުނައިޓެޑް ކިންގްޑޮމް، ޖަރުމަނު، ޕޯރޗުގަލް އަދި ސްޕެއިންއެވެ.
ސީ-ޓު-އެއަރ ކާގޯގެ ހިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމެވެ. މި ހިދުމަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހު 15 ވަނަ ދުވަހުގައެވެ. މި ހިދުމަތް ދެމުން ދަނީ އެމްޕީއެލް އަދި އެމްއޭސީއެލްއާ ގުޅިގެންނެވެ.މި ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން ނެވެ.