މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގުތައް އުފުލުނު ކަމުގައިވިއަސް ރާއްޖެއަށް ހުއްޓުމެއްނެތި ތެޔޮ ލިބޭނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ވަޒީރުންގެ ކޮމެޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ،ސަރުކާރުގެ އަމާޒަަކީ ހުއްޓުމެއްނެތި ރާއްޖެއަށް ބޭނުންވާ ތެޔޮ ލިބޭނެކަން ޔަގީންކުރުން ކަމަށެވެ.މިނިސްޓަރު ވިދާޅުވީ،ތެޔޮ ސްޓޮކްކުރުމަށްޓަކައި ކުރިންވެސް ދެންނެވިހެން މެދުތެރެއިން އާައްމުކޮށް އޮމާނުން ގަންނަމުން އައި ކަމުގައިވިޔަސް ސިންގަޕޫރުންވެސް ތެޔޮ ޝިޕްމެންޓްތައް ގެނެސްފައިވާ ކަމަށެވެ.
"ރައްޔިތުންނަށް އަދި ރާއްޖޭގެ ވިޔަފާރިތަކަށްވެސް ދަތިތަކެއް ނެތި ތެޔޮ ލިބުމުގައި ދަތިތަކެއް ތެޔޮ ލިބޭނެ ގޮތްތައް ހުންނާނީ ހަމަޖައްސާފައި"
އެސްޓީއޯއިން އެންމެ ފަހުން ގެނައި ޝިޕްމެންޓަކީ ގާތްގަނޑަކަށް 17 ދުވަހަށް ފުދޭވަރުގެ ޕެޓްރޯލާއި ޑީސަލް ހިމެނޭ ޝިޕްމެންޓެކެވެ. މި ޝިޕްމެންޓް ރާއްޖެ އައިސްފައިވަނީ މާޗް މަހުގެ ފަހުކޮޅުގައެވެ.
- އޭޕްރީލް 18: މިހާރު ރާއްޖެއަށް ލިބިފައިވާ 18,000 މެޓްރިކް ޓަނުގެ ޑީސަލް އާއި 5,400 މެޓްރިކް ޓަނުގެ ޕެޓްރޯލަކީ ކުރު މުއްދަތަކަށް ބޭނުންވާ މިންވަރު ކަށަވަރުކޮށްދޭ ޝިޕްމެންޓެކެވެ.
- އޭޕްރީލް 24: ކުރިއަށް އޮތް 25,400 މެޓްރިކް ޓަނުގެ ޑީސަލް ޝިޕްމެންޓާއެކު، އިންޖީނުގެތަކަށް ބޭނުންވާ ތެޔޮ ދަތިކަމެއް ނެތި ލިބޭނެކަން ޔަގީންވެއެވެ.
- އޭޕްރީލް 28: ގެންނަން ހަމަޖެހިފައިވާ 28,000 މެޓްރިކް ޓަނުގެ ޖެޓް ފިއުލް އަކީ ޓޫރިޒަމް ސީޒަނާ ދިމާކޮށް ވައިގެ ދަތުރުފަތުރަށް ވަރަށް ބޭނުންތެރި ޝިޕްމެންޓެކެވެ.
މި ފަދަ ބޮޑެތި ޝިޕްމެންޓްތައް ޝެޑިއުލާ އެއްގޮތަށް ގެނައުމަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމަށް ލިބޭ ބޮޑު ބާރެކެވެ.ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި، ގައުމަށް ބޭނުންވާ ތެޔޮ މަދުވެގެން 3 މަސް ދުވަހަށް ފުދޭވަރަށް ރައްކާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ.