މިނިސްޓަރު އޮފް އެޑިއުކޭޝަން, ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމަށް ޑރ. އިސްމާއީލް ޝަފީއު އައްޔަނު ކުރައްވައިފި އެވެ.
މީގެކުރިން ޝަފީއު ހުންނެވީ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައެވެ. ރައީސް އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި 12 މިނިސްޓަރަކަށް ވަނީ ހުވާ ލައިދީ، މަގާމުގެ ފަތްކޮޅު ހަވާލުކުރައްވާފައެވެ. ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ.
ކުރިން އެޑިއުކޭޝަން މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހިންގަމުންދިޔައީ ވަކި ދެ ވުޒާރާއެއްގެ ގޮތުގަ އެވެ.
ރައީސް އޮފީހުން ބުނީ އަލަށް އައްޔަން ކުރެއްވި 12 މިނިސްޓަރުންނާއެކު އިތުރު ދެ މިނިސްޓަރުންނާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ ކަމަށެވެ. އިސްތިއުފާ ދެއްވި 10 މިނިސްޓަރުންވެސް އިސްތިއުފާ ދެއްވީ، ހެޔޮ ބަދަލަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.