މިނިސްޓްރީ އޮފް ހެލްތް, ފެމިލީ އެންޑް ވެލްފެއަރގެ މިނިސްޓަރު ކަމަށް ގީލާ އަލީ އައްޔަނު ކުރައްވައިފި އެވެ.
މީގެކުރިން ގީލާ އަދާކުރެއްވީ، ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ކަމާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައިވާ ހެޑް އޮފް މިޝަންއެވެ.
ރައީސް މި ވަނީ މުޅި ޖުމުލަ 3 ދާއިރާއެއް އެއް މިނިސްޓްރީއެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އެގޮތުން މީގެ ކުރިން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވީ، އަބްދު ﷲ ނާޒިމް އެވެ. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ޑިވެލޮޕްމެންޓްގެ މަގާމުގައި ހުންނެވީ ޑރ އާއިޝަތު ޝިހާމްއެވެ. އަދި އެނިމަލް ވެލްފެއަރ މިނިސްޓްރީގައި ހުންނެވީ ޑރ މަރިޔަމް މާރީޔާ އެވެ. މި ތިން ބޭފުޅުން ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި 12 މިނިސްޓަރަކަށް ވަނީ ހުވާ ލައިދީ، ފަތްކޮޅު ހަވާލުކުރައްވާފައެވެ. ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ.
ރައީސް އޮފީހުން ބުނީ އަލަށް އައްޔަން ކުރެއްވި 12 މިނިސްޓަރުންނާއެކު އިތުރު ދެ މިނިސްޓަރުންނާއި، ބަންޑާރަނައިބު އަޙްމަދު އުޝާމް ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ ކަމަށެވެ. އިސްތިއުފާ ދެއްވި 10 މިނިސްޓަރުންވެސް އިސްތިއުފާ ދެއްވީ، ހެޔޮ ބަދަލަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.