ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ގައި ވާދަކުރުމަށް ޝައުޤުވެރި ވާ ފަރާތްތަކަށް އެ ޕާޓީއިން ފުރުސަތު ހުޅުވާލައިފިއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ޖޫން 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށެވެ.
އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން އޭޕްރިލް 19 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށެވެ.
ޕާޓީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓެއް ކަނޑައަޅާނީ އެފަރާތްތަކުގެމެދުގައި ބޭއްވޭ ޕާޓީގެ އެތެރޭގެ ޕްރައިމަރީ އަކުން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މީގެއިތުރުން،ޝަރުތުތައް ފުރިހަމަވާ އަދި ޕާޓީގެ އިންތިހާބުތަކާ ގުޅޭ ޓެކްނިކަލް ކޮމިޓީއިން ބަލާ މިންގަނޑުތަކަށް ފެތޭ ފަރާތަކަށް ވާންޖެހޭނެ ކަމަށް ޕީއެންސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ޕީއެންސީން ބުނީ،ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ކަމަށެވެ.
އަދި ހުށަހަޅާ ހުށައެޅުމާއެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑް ފަދަ އެންމެހާ ލިޔެކިޔުންތައް އެކަމަށް އޮންނަ އިޖުރާއާތުތަކުގެ ތެރެއިން ހޯދާ އެ ލިޔެކިޔުންތައްވެސް ހުށަހަޅާންވާނެ ކަމަށް ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގެ ޝަރުރުތައް އެ ޕާޓީއިން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން؛
- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭނެކަމަށް ޤާނޫނުތަކާއިގަވާއިދުތަކުގައި ކަނޑައަޅާފައިވާ އެންމެހާ ޝަރުޠުތައް ފުރިހަމަވެފައިވާކަން
- އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތަކަށްވުން ނުވަތަ، ކޮންގްރެސް ޕާޓީގެ މެންބަރަކަށްވުމަށް އެދި (ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދި ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާތުތަކާއި އެއްގޮތަށް) އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާ ފަރާތަކަށްވުން.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި، ޕްރައިމަރީގައި ވޯޓުދިނުމުގެ ހައްގު ލިބޭނީ ހަމައެކަނނި އީސީ އިން ޕީއެންސީގެ މެންބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކަށް ކަމަށް ބުނެފައިވެއެވެ. އަދި މިމަހުގެ 13 ވަނަ ދުވަހު،އިރުއޮއްސި 6 ގެ ނިޔަލަށް، ކޮންގްރެސް ޕާޓީގެ މެންބަރަކަށްވުމަށް އެދި (ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދި ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާއާތުތަކާއި އެއްގޮތަށް) އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް ޕީއެންސީއިން ބުނެއެވެ.
އެ ޕާޓީއިން ބުނިގޮތުގައި، ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ކޮންގްރެސް ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ، 25 އޭޕްރިލް ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 04:00 އަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ކޮންގްރެސް ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ކަނޑައެޅޭ ޙާލަތުގައި، ވޯޓުލުމުގެ ކަންކަން ޕާޓީގެ ފަރާތުން އިންތިޒާމުކުރާނެ ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.
ހަމަމިއާއެކު، ޕްރައިމަރީގައި ކޮންގްރެސް ޕާޓީގެ މެންބަރުންނަށް ވޯޓު ލެވޭނީ، މި އިންތިހާބުގައި ވޯޓު ލުމަށް ހިތަދޫ އުތުރު ދާއިރާގައި އަދި ވެރިރަށް މާލޭގައި ޕާޓީގެފަރާތުން ބަހައްޓާ ވޯޓު ފޮށިތަކަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުންގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މީގެ ދެ ދުވަސް ކުރިންނެވެ.
މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވަނީ، ތިނަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ދަރަނި ނުދައްކާ ކަމަށް ބުނާ މައްސަލައެއްގައެވެ.