ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ދެވަނަ ބުރު މިއަންނަ ހޮނިހިރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރުމަށް ބޭއްވި ބައްދަލުވުމުގައި އީސީގެ ރައީސް، މުހައްމަދު ޒާހިދު ވިދާޅުވީ، މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބުގެ ކަންކަން ކުރިއަށްގެންގޮސްފައިވަނީ ވަރަށް އިންސާފުވެރިކަމާއި، މިނިވަންކަމާއެކުގައި ކަމަށެވެ.ޒާހިދު ފާހަގަކުރެއްވި ގޮތުގައި، 215،346 މީހުން ވަނީ ނިމިދިޔަ އިންތިހާބުގައި ވޯޓު ލާފައެވެ. މިއީ ލޯކަލް ކައުންސިލް އިންތިހާބެއްގައި މިފަހުން އެންމެ ގިނަ މިީހުން ވޯޓުލުމަށް ނިކުތް ފަހަރުކަން ޒާހިދު ވަނީ ފާހަގަކުރައްވާފައެވެ.
"މި އިންތިހާބުގެ ދެވަނަ ބުރަށް ދާ ދާއިރާތަކުގެ އިންތިޚާބު 2026 އެޕްރީލް 18 ވާ ހޮނިހިރު ދުވަހު ބޭއްވިގެންދާނެ."
މީގެއިތުރުން ޒާހިދު ވިދާޅުވީ، ދެވަނަ ބުރު ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.އިންތިހާބުގެ ކަންކަން އިންތިޒާމު ކުރުމުގައި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، ސިޔާސީ ޕާޓީތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކާއި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޒާހިދު ވަނީ ޝުކުރު އަދަކުރައްވާފައެވެ.
އިންތިހާބާއި ގުޅިގެން، ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް 170 ޝަކުވާ ލިބުނުކަަން ޒާހިދު ފާހަގަކުރައްވާފައިވާ އިރު، ގާނޫނީގޮތުން ބަަލަން ޖެހޭ ކަންކަން ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވިދާޅުވިއެވެ. ހަމަމިއާއެކު، ޝަކުވާތަކާއި ގުޅިގެން އީސީއިން ދޭ ޖަވާބާއި މެދު ހިތްހަމަނުޖެހުމެއް އޮތް ނަމަ ، 14 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ހައްގު ލިބޭނެކަން ވެސް ޒާހިދު ވަނީ ފާހަގަކުރައްވާފައެވެ.
އީސީ އިން ދަނީ ނިމިދިޔަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރަމުންނެވެ.