ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓެކްސީވޭގެގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ޓެކްސީވޭ-ޗާލީ ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހި ފަށައިފިއެވެ.
އެމްއޭސީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީއައިއޭގައި ހިންގާފައިވާ ތަރައްގީގެ އެންމެ ބޮޑެތި މަސައްކަތް ކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަންގުރޫޕް (ބީޔޫސީޖީ) އާއެވެ. އަދި އެކުންފުންޏާއެކު، އެ މަޝްރޫއުގެ އެއްބަސްވުމުގައި 2024 ވަަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ސޮއިކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
މީގެއިތުރުން، މި މަޝްރޫއުގެ އަމަލީ މަސައްކަތް، މިދޔަ އަހަރުގެ އޭޕްރީލް މަހުގައި ފެށުނު ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ހާމަކޮށްފައެވެ. އެމްއޭސީއެލް އިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ ހަތަރުފިޔަވައްސަކަށް ބަހާލައިގެންނެވެ.
އެގޮތުން މި ފަހަރު ފަށާފައިވާ މަޝްރޫއުގެ ދަށުން،ޓެކްސީވޭ-ޗާލީގެ 1,100 މީޓަރު އަލުންތަރައްގީކުރާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. ތިންވަނަ ފިޔަވަހީގެ މަަސައްކަތް ނިންމަން ޖެހޭ ތާރީހަކީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލެވެ.
އެމްއޭސީއެލް އިން މައުލޫމާތު ދިން ގޮތުގައި،3200 މީޓަރު ދިގު ޓެކްސީވޭ-ޗާލީ އަކީ 1976 ވަނަ އަހަރު ހެދި, ވީއައިއޭގެ އެންމެފުރަތަމަ ރަންވޭއެވެ. މި ރަންވޭއަށް ވައިޑް ބޮޑީ މަތިންދާބޯޓު ޖެއްސޭވަރަށްތަރައްގީކުރީ 1981 ވަނަ އަހަރުއެވެ. އެއަށްފަހު ރަންވޭ ދިގުކޮށް, އެތައް ފަހަރެއްގެމަތިން މަރާމާތު ކޮށްފައިވާ ކަމަަށާއި، ހާއްސަކޮށް 2004ގެ ސުނާމީ ކާރިސާއަށްފަހު ރަންވޭއަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އަވަސް އަވަހަށް މަރާމާތު ކުރަންޖެހުނު ކަން އެ ކުންފުނިން ފާހަގަކުރިއެވެ.
އެގޮތުން، މި ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރީ އޮކްޓޯބަރު 2022ގައެވެ. އެއީ މިހާރުބޭނުން ކުރަމުން އަންނަ ކޯޑް އެފް ރަންވޭ ބޭނުންކުރަން ފެށުމުން ކަމަށްވެސް އެމްއޭސީއެލް އިން ވަނީ މައުލޫމާތު ދީފައެވެ.