އއ. ތޮއްޑޫ ކައުންސިލްގެ ރައީސް ކަމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަގާމު ހިމެނޭހެން، އެ ރަށުގެ ހަތް ގޮނޑިއެއް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފި އެވެ.
މިއީ ތޮއްޑޫގައި އެމްޑީޕީން ދަމަހައްޓަމުން އައި ސިޔާސީ މެޖޯރިޓީ ނިމުމަކަށް އައި އިންތިހާބެކެވެ. ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓް އާދަމް ނަވީން އެވެ. އޭނާ މި ގޮނޑި ކާމިޔާބުކުރީ 604 ވޯޓުންނެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ހަސަން ނަސީފަށް ލިބުނީ 564 ވޯޓެވެ.
ކައުންސިލްގެ އަންހެން މެންބަރު ކަމުގެ ގޮނޑި ޕީއެންސީގެެީ ކެންޑިޑޭޓް މަރިޔަމް ސުޒީ 719 ވޯޓާއެކު ކާމިޔާބުކުރިއިރު، ކައުންސިލް މެންބަރު ކަމުގެ ބާކީ ދެ ގޮނޑި ކާމިޔާބުކުރީ ކޮންގްރެސްގެ މޫސާ އަނިލް (591 ވޯޓު) އާއި އަލީ ރިޝާން (565 ވޯޓު) އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަގާމަށް އިންތިހާބުވީ ޕީއެންސީގެ އައިމިނަތު ސިމްލާ އެވެ. އޭނާ 654 ވޯޓު ހޯދިއިރު، އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު އަޒީލާއަށް ލިބުނީ 440 ވޯޓެވެ.
މީގެއިތުރުން، އެ ކޮމެޓީގެ މެންބަރު ކަމުގެ ތިން މަގާމު ކާމިޔާބުކުރީވެސް ޕީއެންސީ ކެންޑިޑޭޓުން ކަމަށްވާ އައިމިނަތު އިފްނާ، ނަބީލާ އާދަމް އަދި ހާއްވާ މަލީސާ އެވެ. މި ނަތީޖާއާއެކު، މީގެ ކުރިން ތޮއްޑޫ ކައުންސިލްގެ ރައީސް ކަމާއި މެޖޯރިޓީ ކޮންޓްރޯލް ކުރަމުން އައި އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ.