ލޯކަލް ކައުންސިލް އިންތިހާބުތަކުގެ ތާރީހުގައި އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތެއް އޮންނަ އއ. އުކުޅަހާއި ރަސްދޫގައި އެމްޑީޕީއަށް އެ ރަށްތަކުގެ ކޮންޓްރޯލް ގެއްލިއްޖެ އެވެ.
ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، އއ. އަތޮޅުގެ ވެރިކަންކުރާ ރަށް، ރަސްދޫގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. މިއީ ވޭތުވެދިޔަ 18 އަހަރު އެމްޑީޕީގެ ބާރުގެ ދަށުގައި އޮތް ރަސްދޫގެ ސިޔާސީ ތާރީހަށް އައި ބޮޑު ބަދަލެކެވެ.
ނިމިދިޔަ ދައުރުގައި އެ ރަށު އަންހެނުންގެ ކޮމިޓީގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް ފުރުއްވީ އެމްޑީޕީގެ މެންބަރުންނެވެ. ހަމައެއާއެކު، އާބާދީގެ ނިސްބަތުން އެމްޑީޕީގެ އެންމެ ވަރުގަދަ ކިއްލާއެއްގެ ގޮތުގައި ފާހަގަކުރެވޭ އުކުޅަހުން ވެސް މިފަހަރު ފެނުނީ މިފަދަ ނަތީޖާއެކެވެ.
އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ކާމިޔާބުކޮށްފައިވާއިރު، މިއީ މީގެ ކުރީގެ އިންތިހާބުތަކާ ހިލާފަށް އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް އެ ރަށުން ލިބުނު ފުރަތަމަ ފުރުސަތެވެ.