ސަރުކާރުގެ ޓެކްސީ ލައިނަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށާއި، މި ހިދުމަތް އުފަލާއެކު ބަލައިގަންނަކަމަށް އާންމުން ބުނެފިއެވެ.
އެމްޓީސީސީން އާންމުން ޓެކްސީ ލައިން އާ ދޭތެރޭ ކިހިނެެއްތޯ ސުވާލުކުރުމުން އާންމުންގެ ގިނަ ބަޔަކު ވަނީ ޓެކްސީ ލައިންގެ ހިދުމަތާއި ދޭތެރޭ ހިތްހަމަޖެހޭ ކަމަށް ބުނެފައެވެ. އެމްޓީސީސީން ސުވާލުކުރި އާންމު ފަރާތެއް ބުނީ، މާލޭ ސަރަހައްދުން ޓެކްސީ ލައިން ހޯދުމުގެ ދަތިކަން އެހާ ބޮޑު ދަނޑިވަޅެއްގައި މި ހިދުމަތް ތައާރަފުކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. މީގެ ސަބަބުން އާންމުންނަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. އެ ފަރާތުން ވަނީ، މިކަމަށްޓަކައި ރައީސް މުއިއްޒުއަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
"މިހާރު މާލޭގައި ގިނަ ފަހަރު އޮންނަނީ ޓެކްސީއެއް ވެސް ނުލިބިފައި. މި ޓެކްސީ ލައިން ތައާރަފުވުމަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް ރަނގަޅު ކަމެއް. ސަރުކާރަށް ވަރަށް ޝުކުރު އަދާކުރަން."
ޓެކްސީ ލައިން އާ ދޭތެރޭ ދެކޭ ގޮތް ހާމަކުރަމުން އެހެން ފަރާތަކުން ބުނީ، މި ހިދުމަތް އުފަލާއެކު ބަލައިގަންނަ ކަމަށެވެ.
"ހަގީގަތުގައި މިއީ ރައްޔިތުންނަށް ލިބުނު ލުއިފަސޭހައެއް."
މާލޭ ޓެކްސީ ލައިންގެ ހިދުމަތް ސަރުކާރުން ތައާރަފުކޮށްފައިވާއިރު، މި ހިދުމަތް ފުރަތަމަ ހަފުތާ ހިލޭ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން ތައާރަފުކުރެވުނު ހިދުމަތެކެވެ.އެގޮތުން،24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ފެށި މި ޚިދުމަތުގައި ބޭނުންކުރާނީ، ތިމާވެއްޓާ ރަޙުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) އެވެ.
މީގެ ތެރޭގައި، މާލޭގެ ހަނި މަގުތަކަށް ޚާއްޞަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން، ތިން ސައިޒެއްގެ ކާރު މި ޚިދުމަތުގައި ބޭނުންކުރާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.