އިންތިހާބުން ނުހޮވުމަކީ އަދި ނިމުމެއް ނޫން ކަމަށް މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ކަމަށް ކުރިމަތިލެއްވި އާއިޝަތު އަލައިކާ އަދުނާން ވިދާޅުވެއްޖެއެވެ.
މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަލައިކާއާ ވާދަކުރައްވައި އެމްޑީޕީ ކެނޑިޑޭޓް އާއިޝަތު ރީޝާއެވެ.
އިންތިހާބުން ބަލިވުމާއި ގުޅިގެން އަލައިކާ ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، މި ދަތުރަކީ މާ މާނަފުން ދަތުރެއް ކަމަށާއި، މި ދަތުރު ނިންމާލި ކަމުގައި ވިއަށް އެތައް ބައެއްގެ ލޯތްބާއި ހިތްވަރު ލިބުނު ކަމަށެވެ.
އަލައިކާ ވިދާޅުވީ، މިއީ، އޭގެ ޒާތުގައި، އެންމެ މަތީ ދަރަޖައިގެ ކާމިޔާބީއެއް ކަމަށެވެ. މި ދަތުރަކީ ދުވަހަކުވެސް ހަމައެކަނި މަގާމެއް ހޯދުމުގެ ދަތުރެއް ނޫން ކަމަށާއި، ހަމަހަމަ ފުރުސަތަށާއި ހައްގަށް ވަކާލާތުކުރުމަށް އާއިލާތަކުގެ އެންމެ ކައިރީގައި ހުރުމަށް އިހުތިޔާރުކުރި މަގެއް ކަން އަލައިކާ ފާހަަގަކުރެއްވިއެވެ.
އިޤްތިޞާދީ ބާރުވެރިކަމާއި މާލީ މިނިވަންކަން ކުރިއެރުވުމަށް މަަސައްކަތްކުރުމަށް ގަސްތުކުރެއްވި ކަމަށާއި އެއީ އޭގެ ޒާތުގައި ލިބެންޖެހޭ ހައްގުތަކެއް ކަމަށް އަލައިކާ ވިދާޅުވިއެވެ.
މީގެއިތުރުން އަލައިކާ ވިދާޅުވީ، މުޅި ސިޔާސީ ދަތުރުގައި ވެސް އޭނާ އަށް މާޔޫސްކަން ކުރިމަތިވިކަމަށާއި، ބައެއް ފަހަރު މީހުންގެ ފަރާތުން ޚިޔާނާތުގެ ހިތިކަން ތަހައްމަލު ކޮށްފައިވާ ކަމަށެވެ.
“އަހަރެންގެ ނިޔަތުގެ ހަގީގަތް ނުވަތަ އަމަލުތަކުގެ ހަގީގަތް ނުފެންނަ ގޮތަށް ގޯސްކޮށް ސިފަކޮށް ލޭބަލްކޮށްފައިވެ އެވެ.“
ނަމަވެސް ކޮންމެ ކަމަކީ ވެސް ޗެލެންޖެއް ކަމަށް ގަބޫލުކޮށް ނުގުޑާނެ އަޒުމަކާައެކު ކުރިއަށް ގޮސްފައިވާނޭ ކަން އޭނާ ފާހަަގަކުރެއްވިއެވެ.
އަލައިކާ ވިދާޅުވީ ، މި ދަތުރު އަދި ނުނިމޭ ކަމަށެވެ. އައު ހިތްްވަރާއެކު، އަޒުމަކާއެކު، ނަޒާހާތްތެރިކަމާއެކު، ލަނޑުދަނޑިތައް ހާސިލުކުރުމަށް ޝައުގާއެކު ކުރިއަށްދާނެ ކަން އަލައިކާ ވަނީ އެ ޕޯސްޓްގައި ހާމަކުރައްވާފައެވެ.