މި އަންނަ އާދީއްތަ ދުވަހާއި، ހޯމަ ދުވަސް، ވޯޓާ ގުޅިގެން ސަރުކާރު ބަންދު ދެދުވަހުގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މިގޮތަށް ހަމަޖެއްސެވީ، ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި، ރައްޔިތުންގެ ހިޔާލުހޯދުމުގެ އާންމު ވޯޓުލުން މިއަދު އޮތުމާއެކު، އިންތިހާބާގުޅޭ އެކިއެކި މަސައްކަތްތަކުގައި، ދައުލަތުގެ މުއައްސަސާތަކާއި، ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރި ވާތީ އެވެ.
ރައީސް އޮފީހުގެ ދެންނެވުމުގައި ބުނެފައިވަނީ، އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާ ކަމަށެވެ.
އިންތިހާބަށް ފަހުގައިވެސް، އިންތިހާބާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ، ހޯމަ ދުވަސް ވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފަ އެވެ.