މިއަދު ބާއްވަމުންދާ އިންތިހާބުތަކުގައި މެންދުރު 12:00 އާ ހަމައަށް 62,000 ވުރެ ގިނަ މީހުން ވޯޓުލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މެންދުރުގެ ނިޔަލަށް ޖުމްލަ 62,083 މީހުން ވަނީ ވޯޓުލާފަ އެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 21.05% އެވެ.
މި އިންތިހާބުގައި ކޮންމެ ވޯޓުލާ މީހަކަށް ތިން ކަރުދާސްކޮޅު ދޫކުރާނެ އެވެ. ލޯކަލް ކައުންސިލް އިންތިހާބު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު، އަދި ބޮޑު ދެއިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ އިންތިހާބެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކޮންމެ ކަރުދާހެއްވެސް ވައްޓާލަންވާނީ އެ އިންތިހާބަކަށް ހާއްސަކުރެވިފައިވާ ފޮއްޓަށް ކަމަށެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 294،876 މީހުން ތިބިއިރު، އޭގެ ތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ. އީސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް 28،000 އަށްވުރެ ގިނަ އަންހެނުންނާއި 33،000 އަށްވުރެ ގިނަ ފިރިހެނުން ވަނީ ވޯޓުލާން ގޮސްފަ އެވެ.