މާލޭ ޓެކްސީ ލައިންގެ ހިދުމަތަށް ސަރުކާރުން ގެނައި ކާރުތަކުގެ ތެރެއިން ދެ ކާރު ވިލިމާލޭގެ ހިދުމަތް ފެށުމަށް ފޮނުވައިފިއެވެ.
އެގޮތުން، އެމްޓީސީސީއިން ބުނީ ވިލިމާލޭ ފޮނުވާފައިވަނީ، ލޫމިން- މޮޑެލްގެ އީވީ ދެ ކާރެވެ.މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން ތައާރަފުކުރެވުނު ހިދުމަތެކެވެ. އެމްޓީސީސީއިން ބުނީ، މި ހިދުމަތާއެކު ގްރޭޓަރ މާލެ ސަރަހައްދުގެ އެއްގަމު ދަތުރު ފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވީ، މާލޭ ޓެކްސީ ލައިންގެ ހިދުމަތް މިއަހަރުގެ ތެރޭގައި އައްޑޫ ސިޓީގައި ތައާރަފުކުރާނެކަމަށެވެ.މީގެއިތުރުން، މުސްތަގުބަލުގައި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ބުރިޖުގެ ޒަރީއާއިން ގުޅިގެން ދާއިރު،ޓެކްސީ ލައިން އިތުރަށް ފުޅާކޮށް ކެޕޭސިޓީވެސް އިތުރު ކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް މުއިއްޒު ތިާވެށި ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އިފްތިތާހުކޮށްފައިވަނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އީވީގެ ތިން ސައިޒެއްގެ ކާރު ހިމެނޭ ފްލީޓެއް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.