MTCC

ރާއްޖެއިން ސްކޫކަށް 525 މިލިއަން ޑޮލަރު ދައްކާ ނިންމައިފި

455677_fde240f1-b_

ރާއްޖެއިން ސްކޫކަށް 525 މިލިއަން ޑޮލަރު ދައްކާ ނިންމައިފި

SHARE

ރާއްޖެއިން ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކަށް ދައްކަން ޖެހޭ ފައިސާ ދައްކާ ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން  ނެރުނު ބަޔާނެއްގައި ބުނީ 500 މިލިއަން ޑޮލަރާއި އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން ޑޮލަރާ އެކު ޖުމްލަ 524.68 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށެވެ. އެގޮތުން ސުކޫކު ދައްކާ ނިމުމާއެކު، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ، ސްކޫކް ކާމިޔާބުކަމާ އެކު ދެއްކުނީ މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ރާއްޖޭގެ އިގުތިސާދަށާއި މާލިއްޔާއަށް ބުރަބޮޑު ނުވާނެ ގޮތަށް މުހިއްމު ފިޔަވަޅުތަކެއް އެޅުމުން ކަމަށެވެ. އެގޮތުން، ދައުލަތުގެ ދަރަނި އަދާކުރުމަށް އުފައްދާފައިވާ އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކުރަން ފެށުމަށް ފަހު،
އެސްޑީއެފްއަށް ޖަމާކުރާ އެއާޕޯޓް ތަރައްގީ ކުރުމަށް ނަގާ ފީ ވަނީ 2024 ވަނަ އަހަރު ބޮޑުކޮށްފައެވެ.

މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން  އެސްޑީއެފްގައި ހުރި ބޭރު ފައިސާގެ އަދަދު 350 މިލިއަން ޑޮލަރަށް  އިތުރުވެފައިވާ ކަން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. ހަމަމިއާއެކު ބޭރު ފައިސާ މާރުކުރުމަށް މަޖުބޫރުކުރުމުގެ ސަބަބުން، މިދިޔަ މަހުގެ ނިޔަލަށް، ރެކޯޑް މިންވަރަކަށް ރާއްޖޭގެ ރިޒާވް މައްޗަށް ގޮސްފައިވާ ކަން ވެސް މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައެވެ، އެގޮތުން، މިދިޔަ މާރިޗު މަހުގެ ނިޔަލަށް،  ރިޒާވް މައްޗަށް ގޮސް 1.3 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރުވި ކަމަށް އެ މިނިސްޓްރީއިން ވަނީ މައުލޫމާތު ދީފައެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ ސުކޫކު ދެއްކުމަށްފަހު ސަރުކާރުން އެންމެ ބޮޑަށް މިހާރު އިސްކަމެއް ދެނީ،  ރާއްޖެއަށް ބޭނުންވާ ތެލާއި އެހެނިހެން އަސާސީ ހިދުމަތްތަކާއި ތަކެތި މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެކަމަށްޓަކައި، ބައިނަލްއަގުވާމީ މާލީ އިދާރާތަކާ އެކު މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުން  މާލީ އެހީތެރިކަން ލިބެމުންދާކަން ވެސް މިނިސްޓްރީއިން ވަނީ ބަޔާނުގައި ފާހަގަކޮށްފައެވެ.

ހަމަމިއާއެކު މިނިސްޓްރީއިން ބުނީ، އިގުތިސާދީ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށްގެންދިއުމަށް މަގުފަހި ކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް އެ މިނިސްޓްރީއިން ކުރަމުންދާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީއިން އިތުރަށް ބުނީ، 100 މިލިއަން ޑޮލަރުގެ ބޮންޑް ދެއްކުން ފަސްްކޮށްދީފައިވާ ކަމަށެވެ. އެގޮތުން،  މަހުގެ ނިޔަލަށް އަދާކުރަން ޖެހޭ 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު ރޯލްއޯވާ ކުރުމަށް އަބޫދާބީ ފަންޑާ އެކު ކޮށްފައިވާ މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި، އެ މަޝްވަރާތައް ކާމިޔާބުވެފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާ އެކު ރާއްޖޭގެ މާލީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ފިސްކަލް އަދި އިގުތިސާދީ ހަމަޖެހުން ދެމެހެއްޓުމުގައި ކުރަން ޖެހޭ މަސައްކަތްކުރުމުގައި  ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން މިނިސްޓްރީއިން ވަނީ ދީފައެވެ. އަދި ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށަށް ދާނެ މިސްރާބަކަށް ރާއްޖޭގެ މާލިއްޔާ ގެންދިއުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

2021 ވަނަ އަހަރު އޭރުގެ ސަރުކާރުން، ސުކޫކް ވިއްކާފައިވަނީ އޭގެ ކުރީގެ ސަރުކާރުން، ނަގާފައިވާ 250 މިލިއަން ޑޮލަރުގެ 'ސަނީ ސައިޑް' ބޮންޑު އަދާކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެ މިނިސްޓްރީ އިން ބުނީ ދުނިޔެއާއި ރާއްޖޭގެ އިގްތިސާދަށް ހީނަރުކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ބޮޑު އަގެއްގައި ސުކޫކު ވިއްކާފައިވަނީ ވެސް،  އަނބުރާ ދެއްކޭނެ ހަރުދަނާ ސިޔާސަތެއް ނެތިކަމަށެވެ.