މާލޭ ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.
މި ހިދުމަތް އިފްތިތާހުކޮށްފައިވަނީ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެެވެ. މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަޤުޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން ތައާރަފުކުރެވުނު ހިދުމަތެކެވެ.
އެގޮތުން،24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ފެށި މި ޚިދުމަތުގައި ބޭނުންކުރާނީ، ތިމާވެއްޓާ ރަޙުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) އެވެ. މީގެ ތެރޭގައި، މާލޭގެ ހަނި މަގުތަކަށް ޚާއްޞަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން، ތިން ސައިޒެއްގެ ކާރު މި ޚިދުމަތުގައި ބޭނުންކުރާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރ،އަޙްމަދު ސައުދީ ވިދާޅުވީ، މާލޭ ޓެކްސީ ލައިންގެ ޚިދުމަތަކީ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނޭ ޚިދުމަތެއްކަމުގައެވެ.
މިނިސްޓަރު އަމީން ވިދާޅުވީ،މި ފެށި ޚިދުމަތުގެ ސަބަބުން، މިހާރުވެސް ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޚިދުމަތް ކުރިއަށްގެންދިއުމަށް އެއްވެސް ހުރަހެއް ކުރިމަތިނުވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިއަހަރުގެ ތެރޭގައި އައްޑޫގައި ވެސް މި ހިދުމަތް ތައާރަފުކުރައްވާނޭ ކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ.