މާލޭ ޓެކްސީ ލައިންގެ ހިދުމަތް ފެށި ނަމަވެސް، އަމިއްލަ ފަރާތްތަކުން ހިންގާ ޓެކްސީ ސެންޓަރުތައް ހިންގުމަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އަމީން މިފަދައިން ވިދާޅުވީ، ސަރުކާރުގެ ޓެކްސީ ލައިން އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އަމީން ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ހިދުމަތްތައް ދޭ ފަރާތްތަކަށް ލުއިފަސޭހ ކޮށްދީ، ބަދަލުކުރެވެން ހުރި ކަންކަން ހައްލު ކޮށްދިނުން ކަމަށެވެ.ސަރުކާރުން އަބަދުވެސް ގެންގުޅޭ ސިޔާސަތަކީ ޕްރައިވެޓް ސެކްޓަރ ފުޅާކުރުމުގެ ސިޔާސަތު ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މާލޭ ސިޓީއަކީ ހަލަބޮލި ސިޓީއެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެއްގަމު އުޅަނދަށް އޮންނަ ޑިމާންޑް އިންތިހާ އަށް ބޮޑުވެފައިވާ ކަމަށެވެ. މާލޭ ޓެކްސީ ލައިން އަކީ ރައްޔިތުންނަށް ފަސޭހަ ރައްކާތެރި އަދި އިތުބާރު ހުރި ދަތުރުފަތުރު ނިޒާމެއް ގާއިމުކުރުމުގަ ދަށުން ރައީސް ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ރާވާލެވިފައިވާ، ބަދަލުތަކުގެ ތެރެއިން މުހިއްމު އެއް ފިޔަވަޅު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް މުއިއްްޒުގެ އެންމެ އިސް އެއް ސިޔާސަތަކީ، އާންމު ރައްޔިތުންނަށް ދަތިވާ ހައްލުކުރަންޖެހޭ މިފަދަ މައްސަލަތައް ހައްލު ކުރުން ކަމަށާއި، މާލޭ ޓެކްސީ ލައިން އިތުރަށް ރަނގަޅުކުރުމަށް ވެސް ރައީސް ދަނީ މަސައްކަތްކުރައްވަމުން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ޓެކްސީގެ ހިދުމަތްތަކަށް ދިމާވެފައިވާ ޒަމާނީ ތަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސްގެ ނިންމެވުމެއް.މިރޭ އަޅުގަނޑުމެން މި އިފްތިތާހު ކުރަނީ ރައީސް ޑރ މުއިއްޒުގެ ސިޔާސަތުގެ ދަށުން ގްރޭޓާރ މާލޭގައި ޓެކްސީ ލައިން ގެ ފެށުމުގެ އަމަލީ މަރުހަލާ."
މިނިސްޓަރު ވިދާޅުވީ މި ހިދުމަތް ބިނާކޮށްފައިވަނީ ތިން ސިޔާސަތެއްގެ މައްޗަށް ކަމަށެވެ.ފުރަތަމަ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، ރައްކާތެރިކަމެވެ. އެގޮތުން، ޓެކްސީ ލައިންގައި ވަރަށް ރަނގަޅު، ސެކިއުރިޓީ ނިޒާމެއް ގާއިމްކުރެވިފައިވާ ކަަމަށާއި ޓެކްސީގެ ދަތުރުތައް މޮނިޓަރ ކުރުމާއި، ޓެކްސީގެ އެތެރެއާއި ބޭރު ފެންނަހެން މޮނިޓަރ ކުރެވޭނެ ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދެވަނަ ކަމަކަށް މިނިސްޓަރު ފާހަގަކުރައްވާފައިނީ ޓްރާންސްޕޯޓު މިނިސްޓްރީއިން ކަނޑައަޅާ އަގުތަކުގައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމެވެ. އަދި ތިންވަނަ ކަމަކަށް، ފަސޭހަކަމާއެކު، ކޮންމެ ވަގުތެއްގައި ވެސް ޓެކްސީގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދިއުމާއެކު، ފެންވަރު ރަނގަޅު ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ޓެކްސީގެ ހިދުމަތް ލިބިގެން ދިއުން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މުސްތަގުބަލުގައި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ބުރިޖުގެ ޒަރީއާއިން ގުޅިގެން ދާއިރު،ޓެކްސީ ލައިން އިތުރަށް ފުޅާކޮށް ކެޕޭސިޓީވެސް އިތުރު ކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް މުއިއްޒު ތިާވެށި ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އިފްތިތާހުކޮށްފައިވަނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އީވީގެ ތިން ސައިޒެއްގެ ކާރު ހިމެނޭ ފްލީޓެއް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިއީ، ރާއްޖެއިން ކާރބޮން ޕުޓްޕްރިންޓް މަދުކުރުމަށް، ރައީސް އިއުލާނުކޮށްފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.