ސެޕްޓެމްބަރު މަހުގެ ނިޔަލަށް 4000 ފްލެޓްގެ އެއްބަސްވުންތަކުގައި ސޮއިކޮށް ނިމޭނެ : އެފްޑީސީ

-

ސެޕްޓެމްބަރު މަހުގެ ނިޔަލަށް 4000 ފްލެޓްގެ އެއްބަސްވުންތަކުގައި ސޮއިކޮށް ނިމޭނެ : އެފްޑީސީ

SHARE

4000 ފްލެޓްގެ އެއްބަސްވުންތަކުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސޮއިކޮށް ނިމޭނެކަމަށް އެފްޑީސީ އިން ލަފާކޮށްފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި،
މިހާރު ދުވާލަކު އެވްރެޖްކޮށް 110 އެއްބަސްވުމުގައި ސޮއިކުރެވޭކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ޖުމްލަ 1,200 އެއްބަސްވުމުގައި ސޮއިކުރެވިފައިވާއިރު، މި ދުވެލީގައި މަސައްކަތް ކުރިއަށްދާނަމަ
ސެޕްޓެމްބަރު މަހުގެ ނިޔަލަށް 4000 ފްލެޓްގެ އެއްބަސްވުންތަކުގައި ސޮއިކޮށް ނިންމާލެވޭނެ ކަމަށް އެފްޑީސީން ބުނެފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ގިނަ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި ސްކީމުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ހައުސިން މިނިސްޓްރީން އެފްޑީސީއަށް ހިއްސާކުރަމުންދާ މިންވަރަކުން އެ މައުލޫމާތު އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް އަދާހަމަކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އެފްޑީސީން ފްލެޓް ލިބޭ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެމުންދާނެ ކަމަށާއި، ޕޯޓަލް މެދުވެރިކޮށް އެއްބަސްވުން ބަލާލެވޭނެ އަދި ޔުނިޓަށް ދައްކަންޖެހޭ ފައިސާވެސް ދެއްކޭނެ ކަމަށް ފާހަގަކުރި އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ދާއިރު އެޕްލިކޭޝަން ހުށަހެޅި ފަރާތުގެ އައިޑީކާޑުގެ އަސްލު، ހެކިވެރިޔާގެ އައިޑީކާޑާއި، ޒިންމާ އަދާކުރާ ފަރާތް ފުރިހަމަކޮށްފައިވާ ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.