ރައީސް ޑރ. މުހައްމަދު މުއިއްޒު ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.
އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށްވާ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް މުއިއްޒު ބައްލަވާލައިފި ކަމަށެވެ.
އެގޮތުން، މި ޒިޔާރަތުގައި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އަށް އެރުވުނު ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އަދި އެ ސަރަޙައްދުގައި މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތައް އެމަނިކުފާނު ބައްލަވާލެއްވި އެވެ.
އެމްއޭސީއެލް އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޖުމްލަ 97.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 35 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކާ ނިމިފައިވާއިރު، މި މަސައްކަތް ކުރަމުންދަނީ ދެ ޑުރެޖަރު ބޭނުންކޮށްގެންނެވެ.