ކ. ހިންމަފުށި ސިއްހީ މަރުކަޒާއި ތ. ކަނޑޫދޫ ސިއްހީ މަރުކަޒު ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޝަރީފެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފު އެވެ.
ހިއްމަފުށީ ސިއްހޫ މަރިކަޒު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 5767 އަކަފޫޓުގެ ސަރަހައްދެއްގައި މުޅިން އަލަށް އިމާރާތެއް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް އެމްޓީސީސީއާ 360 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާއިރު، މި މަސައްކަތުގެ އަގަކީ 11.24 މިލިއަން ރުފިޔާ އެވެ.
ހަމަމިއާއެކު ކަނޑޫދޫ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 21 އެނދުގެ ހިދުމަތް ދެވޭނެ އިމާރެއްގެ އިތުރުން، އެކަމަޑޭޝަން ދިނުމަށް ދެ އިމާރާތެއް އެޅުމަށް އެއްބަސްވުމުގައި ބުނެއެވެ.
މި މަޝްރޫއުގެ އަގަކީ 22.66 މިލިއަން ރުފިޔާއެވެ. މި މަސައްކަތް އެމްޓީސީސީއިން ނިންމަންޖެހެނީ 390 ދުވަސްތެރޭގައެވެ.