ސަރުކާރުން ތައާރަފްކުރާ "މާލެ ޓެކްސީ" ލައިންގެ ހިދުމަތް ފެށުމަށް ކާރުތައް ގެންނަން ފަށައިފިއެވެ.
އެގޮތުން ކާރުގެ ފުރަތަމަ ޝިޕްމެންޓް މިހާތު ހުޅުމާލެ ޕޯރޓަށް އައިސްފައިވާއިރު، އެމްޓީސީސީން ދަނީ ކާރުތައް ބޭލުމުގެ މަސައްކަތް ކުރަމުންނެވެ. އެމްޓީސީސީ އިމް ބުނީ މިބުރުގައި 60 ކާރު ގެނެސްފައިވާ ކަމަށާއި، ދެވަނަ ބުރުގައި 90 ކާރު ގެންނާނެ ކަމަށެވެ.
ޓެކްސީ ލައިންގެ ހިދުމަތަށް 3 މޮޑެލްގެ ކާރު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެއް މޮޑެލް ތައިލެންޑް އިން ގެނެސްފައިވާއިރު ، ދެ މޮޑެލް ގެންނަނީ ޗައިނާއިންނެވެ.
ސަރުކާރުގެ ޓެެކްސީ ޚިދުމަތް ދިނުމަށްވެސް ހަމަޖެހިފައިވަނީ އެޕް މެދުވެރިކޮށެވެ. އެގޮތުން، އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީ ބުކް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
ސަރުކާރުގެ ޓެކްސީލައިނުން ޚިދުމަތްދޭނީ އިލެކްޓްރޯނިކް ވެހިކަލް ބޭނުންކޮށްގެންނެވެ.