"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގެ ދަށުން ފުލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީޚު ލަސްކޮށްފިއެވެ.
މީގެ ކުރިން މި ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލަން އޮތީ މިމަހު 24ގައެވެ. އެހެންނަމަވެސް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންސް އިން ކުރި ގެޒެޓް އިއުލާނެއްގައި ބުނީ، "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގެ ދަށުން ފުލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީޚް 01 އެޕްރީލް 2026 ވަނަ ދުވަހުގެ 11:00 އަށް ލަސްކޮށްފައިވާ ކަމަށެވެ.
މި ކެޓަގަރީގެ ދަށުން ފުލެޓަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލު ސަރުކާރުގެ ގެޒެޓުގައި ވަނީ އާންމުކޮށްފައެވެ. މި ކެޓަގަރީގެ ދަށުން ފުލެޓަށް ހުށަހަޅާއިރު ފުރިހަމަވާން ޖެހޭ ބައެއް ޝަރުތުތައް:
1.ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން، ފަރުވާ ހޯދުމަށް ޓަކައި އާންމުގޮތެއްގައި މާލެ އަންނަން ޖެހޭ ފަރާތަކަށް ވުން
2.މާލެ ސަރަހައްދުގައި ވޭތުވެދިޔަ އެއް އަހަރު ފަރުވާ ހޯދައިފައިވާ ފަރާތަކަށް ވުން.
3.މި އުސޫލަށް ޢަމަލުކުރަން ފެށިއިރު ނުކުޅެދުންތެރިކަމަށް ފަރުވާ ހޯދުމަށް ޓަކައި މާލެ ސަރަހައްދުގައި، ދިރިއުޅޭ ފަރާތަކަށް ވުން
4.މާލެ ސަރަހައްދުގައި މެދުނުކެނޑި 5 އަހަރު ދިރިއުޅެމުން އަންނަ ފަރާތަކަށް ވުން.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ހޮޓްލައިންތަކަށް ގުޅޭނެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވަނީ 100 ފުލެޓެވެ.