ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ޙާއްސަ ޤާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ،މަރުގެ ޙުކުމް ތަންފީޒުކުރުމަށް ޝަރުޢީ ހުރިހާ މަރުހަލާއެއް ނިމިފައި ތިބި އެތައް ބަޔަކު އެބަތިބި ކަމަށާއި، ކުރީ ސަރުކާރުތަކަށް މަރުގެ އަދަބު ތަންފީޒުކުރެވިފައި ނުވާ ކަމަށެވެ.ރައީސް ވިދާޅުވީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި،އެފަދަ ކަމެއްގައި ދޫ ދިނުމަކީ ދައުލަތުގެ އެންމެ އިސް ފަރާތަށްވެސް އޮތް ގޮތެއް ނޫންކަމަށެވެ. މަރުގެ އަދަބު ތަންފީޒުކުރުމަށް ގާނުނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުން އަންނަ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"މަރުގެ ހުކުމް ތަންފީޒުކުރުމަށް ފުރިހަމަވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު ތަންފީޒު އިރާދަކުރެއްވިއްޔާ މި ސަރުކަރުން ކުރާނެ."
މީގެއިތުރުން، ރައީސް ވިދާޅުވީ،މަރުގެ ހުކުމް ތަންފީޒުކުރުމަށް ފުރިހަމަވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު ތަންފީޒު މި ސަރުކަރުން ކުރާނެ ކަމަށެވެ.މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ޚާއްސަ ޤާނޫނެއް ހެދުމަކީ ރާއްޖޭގައި އަދުލު އިންސާފު ޤާއިމުކުރުމަށް އަދި ސޯޝަލް ޖަސްޓިސް ގާއިމުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.