މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ވިއްކާ ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މި ހަނގުރާމައާ ގުޅިގެން ރައީސް ޑރ މުއިއްޒު އެކުލަވާލާފައިވާ ވަޒީރުންގެ ހާއްސަ ކޮމެޓީގައި، ޒަމީރު ވިދާޅުވީ، ދައުލަތުގެ އާމްދަނީއަށާއި، އަމިއްލަ ވިޔަފާރިތަކަށްވެސް ހަނގުރާމައިގެ ސަބަބުން އަސަރުކުރާ ކަމަށެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވުމާއި ގުޅިގެންވެސް އަސަރުކުރާ ކަމަށާއި،މިކަންކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސްޓޮކްގައި އެކަށީގެންވާ މިންވަރަށް ތެޔޮ އެބަހުރި ކަމަށެވެ. އެގޮތުން އަންނަ މަހުގައިވެސް އިތުރު ޝިޕްމަންޓްތައް އަންނާނެ ކަމަށް މިނިސްޓަރު ވަނީ މައުލޫމާތު ދެއްވާފައެވެ. އަންނަމަހުގެ ކުރީކޮޅު ސިންގަޕޫރުން ޑީސަލާއި ޕެޓްރޯލްގެ ޝިޕްމެންޓް ގެންނައިރު، އޮމާންގެ އަދި ސޮހާރުންވެސް އިތުރު ޝިޕްމަންޓެއްވެސް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުސްތަގުބަލުގައި ރާއްޖޭގެ ތެޔޮ ވިއްކާ އަގަށް އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖެއިން ވަނީ ތެޔޮ ވިއްކާ އަގު ރެކޯޑު އަދަދަކަށް މިފަހުން ބޮޑުކޮށްފަައެވެ.ދުނިޔޭގެ ބާޒާރުގައިވެސް ތެޔޮ ވިއްކާ އަގު ވަނީ ބޮޑުކޮށްފައެވެ. ނަމަވެސް ސަރުކާރުން ބުނީ ރާއްޖެއަށް ތެލުގެ ދަތިކަމެއް ނެތްކަމަށެވެ.