MTCC

މިފަހަރު ކޮންމެ މީހަކަށް ވެސް ތިން ވައްތަރުގެ ވޯޓު ކަރުދާސްކޮޅެއް ލިބޭނެ

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ލުން ކުރިޔަށްދަނީ (ފޮޓޯ/ދެން އިމޭޖްސް)

މިފަހަރު ކޮންމެ މީހަކަށް ވެސް ތިން ވައްތަރުގެ ވޯޓު ކަރުދާސްކޮޅެއް ލިބޭނެ

SHARE

މިއަންނަ ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓުލާއިތު، ތިން ބާވަތެއްގެ ވޯޓު ކަރުދާސް ކޮންމެ ފަރާތަކަށްވެސް ލިބޭނެކަމަށް އިލެކްޝަންސް ކޮމިޝަން އިން ހާމަކޮށްފި އެވެ.

ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން، މިފަހަރު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓުވެސް އެދުވަހުގައި ނަގާނެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލުމަށް މަރުކަޒުތައް ބަހައްޓާފައިވާއިރު،ހުރިހާ މަރުކަޒެއްގައިވެސް ކަންކަން ކުރިއަށްދާނީ އެއް އުސޫލަކުން ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

އެގޮތުން އީސީ އިން ވަނީ، ކޮންމެ ވޯޓުލާ މީހަކަށް ،ތިން ބާވަތެއްގެ ވޯޓު ކަރުދާސް ހަވާލުކޮށްފައެވެ. މި ކަރުދާސްތަކުގައި ހިމެނެނީ ؛

ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލްގެ ވޯޓު
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ކަރުދާސް
އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ކަރުދާސް

ކުޑަ އާބާދީގެ ރަށްރަށުގައި ތިން ކައުންސިލަރުން ހޮވާއިރު، ކަރުދާހުގައި ރައީސަކާއި، އަންހެން މެންބަރަކާއި، އާންމު މެންބަރަކު ހޮވުމަށް ވޯޓުދޭން ޖެހޭ ކަމަށް އީސީއިން އާންމުކޮށްފައިވާ ވޯޓު ކަރުދާހުގައި ދައްކައެވެ. ނަމަވެސް 2000 އަށްވުރެ ބޮޑު އާބާދީ، ނުވަތަ ސިޓީތަކުގައި،ރައީސެއްގެ އިތުރުން ދެ އަންހެން މެންބަރުންނާއި ދެ އާންމު މެންބަރުންނަށް ވޯޓުދޭން ޖެހޭ ކަމަށް އީސީ އިން ބުނެއެވެ.

ޑަބްލިއުޑީސީ އިންތިހާބުގައިވެސް އާބާދީގެ ބޮޑުމިނަށް ބަލައި ވޯޓުދޭންޖެހޭ މެންބަރުންގެ އަދަދު ތަފާތެވެ. ހަމަމިއާއެކު، ވޯޓުލާ ކޮންމެ ފަރާތަކަށްވެސް،ހިޔާލު ހޯދުމުގެ ވޯޓު ކަރުދާހެއް ލިބެއެެވެ. މި ހިޔާލު ހޯދުމުގެ ވޯޓު ކަރުދާހުގައި ވަނީ ރައްޔިތުންގެ ކިބައިން ރައީސުލްޖުމުހުރިއްޔާގެ ސުވާލެކެވެ. އެއީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ފެނޭތޯ ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ ސުވާލެވެ.

މި ސުވަލާށް "އާއެނކޭ" ނުވަތަ "ނޫނެކޭ" އަށް ފާހަގަޖެހުމުގެ ފުރުސަތު ވޯޓުލުމުގެ ޝަރުތުހަމަވާ ކޮންމެ ފަރާތަކަށްވެސް ލިބޭނެއެވެ.

އީސީ އިން ބުނީ، ކަރުދާސްތަކުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ވޯޓު ނުލައިފިނަމަ، ވޯޓު ބާތިލުވުމުގެ ފުރުސަތު އޮންނާނެކަމަށާއި،  ވޯޓުލުމުގެ ކުރިން އިރުޝާދުތައް ރަނގަޅަށް ކިޔުމަށް އީސީ އިން އިލްތިމާސްކުރެއެވެ.