މާލޭ ނޯތު ހާބަރ ސަރަޚައްދު ބޭނުންކުރާ އޮޑި ދޯނި ފަހަރުން ނަގާ ފީތައް ބޮޑުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަ އެކުންފުނިން ދޮގުކޮށްފިއެވެ.
އެމްޕީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ،މާލޭ ނޯތު ހާބަރގައި މިހާރު ނަގަމުންދާ ފީތައް ބޮޑުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު އެކުންފުނިން ނުކުރާ ކަމަށެވެ.
“މިކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ޚިލާފު ވާހަކަތަކެކެވެ”
މީގެއިތުރުން ،ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއާއެކު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވަނީ މާލޭ ނޯތު ހާބަރގެ ޚިދުމަތްތައް ފުޅާކޮށް،’އޭ ޒޯން' ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަންގާފައި ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
އެކުންފުނިން ބުނީ އަމާޒަކީ، މާލޭ ނޯތު ހާބަރ ބޭނުންކުރާ އޮޑި ދޯނި ފަހަރަށް ވީހާވެސް ލުއި ފަސޭހަގޮތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން މާލޭ ނޯތު ހާބަރގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލުކުރަމުންދާ އުސޫލަށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ވަނީ ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށާއި، މި ބަދަލުގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުތަކުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ޚިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.
ހަމަމިއާއެކު ،މަސްވެރިކަން ކުރާ އޮޑި ދޯނި ފަހަރަށް ޚާއްސަކޮށްފައިވާ މާލެ ނޯތު ހާބަރގެ "ޑީ ޒޯން"، "އީ ޒޯން" އަދި "އެފް ޒޯން" ބޭނުންކުރާ އެއްވެސް އުޅަނދަކުން މިހާރުވެސް ފީއެއް ނުނަގައި ކަމަށް އެމްޕީއެލް އިން ވަނީ މައުލޫމާތު ދީފައެވެ.
އެކުންފުނިން ބުނީ،މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް ފަހު، މި ޒޯންތައް އަލުން ހުޅުވާލިއިރު އެކުންފުނީގެ އުސޫލަށް ގެނައި ހަމައެކަނި ބަދަލަކީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކޮށްފައި ނުވާ އެއްވެސް އުޅަނދަކަށް އެ ސަރަހައްދު ބޭނުންނުކުރެވޭ ގޮތް ހެދުން ކަމަށެވެ.
އެމްޕީއެލްގެ ނޫސްބަޔާނުގައި އިތުރަށް ބުނީ، މާލޭ ނޯތު ހާބަރަކީ ގިނަ ރައްޔިތުންތަކެއްގެ މަސްލަހަތާ ގުޅިފައިވާ ތަނަކަށްވާއިރު، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.އަދި ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތަކާ ގުޅޭގޮތުން މިފަދަ ހަގީގަތެއް ނެތް ވާހަކަތަކަށް ނުފެތުރުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.