ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ހއ. އުލިގަމަށް ބަނދަރުކުރި ކްރޫޒްލައިނާއަކަށް ކުޅުދުއްފުށީ ޕޯޓުން ޕައިލަޓޭޖްގެ ހިދުމަތް ފޯރުކޮށްދީފިއެވެ.
މިއީ ސްރީލަންކާގެ ކޮލަމްބޯއިން ފުރައިގެން ހއ. އުލިގަމަށް އިއްޔެ ބަނދަރުކުރި "ވާސްކޯ ޑަ ގާމާ" ކްރޫޒްލައިނާއެވެ. އެމްޕީއެލް އިން ބުނީ، ފަތުރުވެރިންނާއި ފަޅުވެރިން ހިމެނޭ ގޮތަށް، އެ ބޯޓުގައި، 1,348 މީހުން ތިބި ކަމަށެވެ. އަދި އެމީހުންނަށް ވަނީ ކުޅުދުއްފުށީ ޕޯޓުގެ ފަރާތުން ޕައިލަޓޭޖް ހިދުމަތް ފޯރުކޮށްދީފައެވެ.
އެންމެ ފަހުން ޕައިލަޓޭޖް ފީތަކަށް ބަދަލު ގެނައީ 2021 ވަނަ އަހަރުއެވެ. އެމްޕީއެލް އިން ޕައިލަޓޭޖް ފީތަކަށް ބަދަލު ގެނެސްފައިވަނީ ސަރަހައްދުގެ އެހެން ގައުމުތަކުގެ ޕައިލަޓޭޖް ފީތަކަށް ބަލައިގެން، އެ އަގުތަކާ އަޅާބަލާއިރު މާ ބޮޑު ބަދަލުތަކެއް ނާންނަ ގޮތަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި "ވާސްކޯ ޑަ ގާމާ" އިން 859 ފަސިންޖަރުންނާއި 489 ފަޅުވެރިން ރާއްޖެ އައިސްފައިވެއެވެ. އިމިގްރޭޝަނުން މައުލޫމާތޫދިން ގޮތުގައި އުޅަނދަށް ބޭނުންވާ އިމިގްރޭޝަން ކްލިއަރެންސްގެ ހިދުމަތްތައް ވެސް އެ އިދާރާގެގެ ސީޕޯޓް ޑިވިޝަނުގެ އޮފިސަރުން ވަނީ ފޯރުކޮށްދީފަ އެވެ.