ރިޔާސީ އިންތިހާބު އަދި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްް ދުވަހެއްގައި ބޭއްވުމަކީ، ސަރުކާރުން ގެންގުޅޭ ރިފޯމް އެޖެންޑާގެ ބައެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި، ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީވެސް އެގޮތުގެ މަތިން ރިފޯމްކުރައްވާނޭ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީއިން މާލޭގައި ކުރިއަށްގެންދިޔަ ކެމްޕެއިނު ސައިކަލު ބުރު އިވެންޓްގައި ވާހަކަފުޅުދައްކަވަަަމުން ރައީސް މުއިއްޒު ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހު ބޭއްވުމަކީ ގައުމަށް ހެޔޮ ގޮތްތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރުމަށް ނިންމާފައިވާ ކަމެއް ކަމަށެެވެ. މި މަސައްކަތުގެ ދަށުން މަޖިލިސް އަދި ޖުޑީޝަރީ ވެސް ރީފޯމްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
" އޭގެ ތެރޭގަ ހަމަ އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތްތާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމަށް ބަދަލެއް ގެނައުމަށްވެސް އަޅުގަނޑުވާނީ ރިފޯމް އެޖެންޑާ ހުށަހަޅާފަ."
މީގެއިތުރުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށް ވެސް މަަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، މަޖިލީހުގައި މިހާރު ތިބި 93 މެންބަރުންނަށް ވުރެ، އިތުރު ނުވާނޭ ގޮތަށް އެ އަދަދު ހިފެހެއްޓުމަށް، ގާނޫނަށް ބަދަލު ކުރުމަށް ނިންމާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި ޕީއެންސީގެ ކެނޑިޑޭޓުން ހޮވުން ވަރަށް މުހިއްމު ކަމަށާއި، ސަރުކާރު ފަޅީގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމުން، މަޝްރޫއުތަކުގެ ދުވެލި ބާރުވެގެންދާނެކަމަށެވެ.