ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ރައީސް މިކަމަށް އެދިވަޑައިގެންނެވީ، ލޯކަލް ކައުންސިލް އިންތިހާބު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު، އަދި ބޮޑު ދެއިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ އިންތިހާބުގައި ބައިވެރިވެވަޑައިގަތުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ވޯޓުލުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މުހިންމު ހައްގަކަށްވާއިރު، އެ ފުރުސަތުގެ ބޭނުން ހިފުމަކީ ކޮންމެ ފަރުދެއްގެވެސް ގައުމީ ޒިންމާއެއްކަމަށެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ވޯޓުލުމުގެ ކަންކަން ކުރިއަށްދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 588 ވޯޓުލާ މަރުކަޒު ވަނީ ގާއިމުކޮށްފަ އެވެ. މި އިންތިހާބުގައި ކޮންމެ ވޯޓުލާ މީހަކަށް ތިން ކަރުދާސްކޮޅު ދޫކުރާނެ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކޮންމެ ކަރުދާހެއްވެސް ވައްޓާލަންވާނީ އެ އިންތިހާބަކަށް ހާއްސަކުރެވިފައިވާ ފޮއްޓަށް ކަމަށެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 294،876 މީހުން ތިބިއިރު، އޭގެ ތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ. އީސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް 28،000 އަށްވުރެ ގިނަ އަންހެނުންނާއި 33،000 އަށްވުރެ ގިނަ ފިރިހެނުން ވަނީ ވޯޓުލާން ގޮސްފަ އެވެ.